ޚަބަރު

މާފިނޮޅުގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި


ހއ.ހޯރަފުށީ ކައިރީގައި އަޅާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.

މި އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، މި އެއާޕޯޓް އެޅުމަށް މާފިނޮޅު ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީގެ ކޮންނަ ބޯޓް މަހާޖައްރާފާ އާއި ކަޓަރ ޑްރެޖަރ ބޭނުންކޮށްގެން ކަމަށް. މިމަސައްކަތް 203 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ހުޝާމް ވިދާޅުވިއެވެ.

މާފިނޮޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، 888 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނޭ. މި އެއަރޕޯޓަކީ އެކެއް ޕޮއިންޓް ދޭއް ކިލޯ މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 68 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މާފިނޮޅުގައި އަޅާ އެއާޕޯޓް މަޝްރޫޢާއެކު ހއ.އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ފަސޭހަތަކެއް ލިބި، ފަތުރުވެރިކަން ކުރިއަރާދާނެ ކަމަށް ސަރުކާރުން ބުނެއެވެ.