ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް އިބްރާހިމް ރިޒާ އައްޔަންކޮށްފި


ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ މެންބަރެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަމުގެ މަޤާމު ހުސްވެފައި ވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި މުހައްމަދު ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.

ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ ޖޭއެސްސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ޖޭއެސްސީގައި ތިއްބަވަނީ ޖުމްލަ 10 މެމްބަރުންނެވެ.