ޚަބަރު

އިދިކޮޅުން ޕޯސްޓަރު ހަރުކުރަނީ ޕީޕީއެމްގެ ޕޯސްޓަރުތަކަށް ގެއްލުންދިނުމަށްފަހު


ހުޅުމާލޭގައި އިދިކޮޅު ފަރާތްތަކުން ޤައިދީންގެ ފޮޓޯ ހަރުކުރަމުންދަނީ ހުޅުމާލޭގައި ހުރި ޕީޕީއެމްގެ ޕޯސްޓަރުތަކަށް ގެއްލުންދިނުމަށްފަހުކަމަށް ހުޅުމާލޭގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލޭގައި ހަރަކާތްތެރިވާ ޕީޕީއެމް ކެމްޕެއިން ޓީމުގެ އޮފިޝަލަކު ވިދާޅުވީ ޕީޕީއެމުން ހުޅުމާލޭގައި ޕޯސްޓަރު ހަރުކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުން ހުއްދަ ނެގުމަށްފަހުކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ޕޯސްޓަރުތައް ހަރުކުރަމުންދަނީ އެއްވެސް ހުއްދައެއް ނުހޯދައި، ޕީޕީއެމުން ހަރުކޮށްފައިވާ ޕޯސްޓަރުތަކަށް ގެއްލުންދިނުމަށްފަހުކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުން ކުރިއަށްދާއިރު، ޤައިދީންގެ ފޮޓޯ ކެމްޕެއިން ޕޯސްޓަރުތަކުގައި ބޭނުން ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. އަދި އެގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.