ޚަބަރު

ކަނޑުގައި ދުއްވާ ކުދި އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް އަހަރީ ފީ ދައްކަން ނުޖެހޭގޮތަށް ރައީސް ހަމަޖައްސަވައިފި


9 މީޓަރަށްވުރެ ކުދި ކަނޑު އުޅަނދުފަހަރުތައް ރަޖިސްޓްރީކުރުމަށް އަހަރީ ފީ ދައްކަން ނުޖެހޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަޖައްސަވައިފިއެވެ.

މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އަހަރީ ފީގެ ގޮތުގައި ބޮޑު ޢަދަދެއް ދައްކަންޖެހޭގޮތަށް އޮތުމުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުންދާކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭނުންކުރުމަށް ރަޖިސްޓްރީ ކުރާ ލޯކަލް އުޅަނދުފަހަރުގެ ތެރެއިން، 9 މީޓަރަށްވުރެ ކުދި ބޮއްކުރާ، ޑިންގީ އަދި ކުދި ދޯނިފަހަރުގެ އަހަރީ ފީ ދެއްކުމުން އިސްތިސްނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިސްތިސްނާ ކުރެވޭ ކަނޑުގެ އުޅަނދުތަކުން އަހަރީ ފީ ނުދެއްކިގެން މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާއާއި، އެކި ސަބަބުތަކާހުރެ ގެއްލިފައިވާ ނުވަތަ ނެތިގޮސްފައިވާ ބޮއްކުރާ، ކުދި ދޯނި އަދި ބޮޑެތި އުޅަނދުގެ ރަޖިސްޓްރީ ބާޠިލު ނުކުރެވި ދިއުމުން ދައްކަންޖެހިފައިވާ ޖޫރިމަނާވެސް 24 ޖުލައި 2018 އިން ފެށިގެން މަޢާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށްވެސް އެ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.