ޚަބަރު

ރާއްޖޭގައި ހުރި ތިމާވެށީގެ މުހިންމު ތަންތަން ފާހަގަކޮށް ޤައުމީ ވިއުގައެއް އެކުލަވާލަނީ


ދިވެހިރާއްޖޭގައި ހުރި ތިމާވެށީގެ މުހިންމު ތަންތަން ފާހަގަކޮށް އެތަންތަނުގެ ޤައުމީ ވިއުގައެއް އެކުލަވާލާގޮތަށް ޤުދުރަތީ ވަސީލަތްތަކާއި ތިމާވެށި ޙިމާޔަތް ކުރުމާބެހޭ އައު ޤަވާއިދެއް އެކުލަވާލައިފިއެވެ.

ޤުދުރަތީ ވަސީލަތްތައް ބޭކާރުވިޔަނުދީ، ތިމާވެށި ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީން އެކުލަވާލި އައު ޤަވާއިދުގައި ތިމާވެއްޓަށް ދިމާވާ އެކި ކަންކަމުގައި މުޖްތަމަޢުގެ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކަމާއިއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި މި ޤަވާއިދުގެ ދަށުން ކުރިއަށްއޮތްތަނުގައި ދިވެހިރާއްޖޭގައި ހުރި ތިމާވެށީގެ މުހިއްމު ތަންތަން ފާހަގަކޮށް އެތަންތަނުގައި ޤައުމީ ފެންވަރުގެ ވިޔުގައެއް ޤާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.

"ޤުދްރަތީ ނުވަތަ ތަބީޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު"އަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބުނެފައިވާ ފަދައިން އިޤްތިސާދި ކުރިއެރުމާއި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުގެމަތިން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަނުދިނުމަށާއި، ތިމާވެށި ހަލާކުވެދިޔަ ނުދިއުމަށާއި، ޤުދްރަތީ ވަސީލަތްތައް ބޭކާރުވެދިޔަ ނުދިނުމަށް ދައުލަތުން ބާރުއެޅުމަށް ހަދާފައިވާ ޤަވާއިދެކެވެ.

މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާއިރު "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"ގެ ދަށުން ރައްކާތެރިކުރަން ކަނޑައަޅާފައިވާ ތަންތަން ކުރިއަށްއޮތް ތަނުގައި ބަލަހައްޓަމުންދާނީ މިޤަވާއިދުގެ ދަށުންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

އަދި މި ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް 501 ރުފިޔާއާއި 500 ހާސް ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.