ޚަބަރު

"ހަކަތައާބެހޭ މައުލޫމާތު އެއްކުރެވޭ މިންވަރު މަދުވުމަކީ ސިޔާސަތު އެކުލަވާލުމަށް އޮތް ގޮންޖެހުމެއް"


ރާއްޖޭގެ ހުރިހާ ރަށަކުން ހަކަތައިގެ މަޢުލޫމާތު އެއްކުރަމުންދިޔަ ނަމަވެސް، ހަކަތައާބެހޭ މަޢުލޫމާތު އެއްކުރެވޭ މިންވަރު މަދުވުމަކީ ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ހަކަތައާގުޅޭ މަޢުލޫމާތު ބެލެހެއްޓުމާ ގުޅޭ މަޢުލޫމާތުދިނުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބޭއްވި ވޯރކްޝޮޕް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކުން ހަކަތައާއި ގުޅޭ މަޢުލޫމާތު އެއްކުރަމުން ދިޔަނަމަވެސް، މަޢުލޫމާތު އެއްކުރެވޭ މިންވަރު މަދުވުމަކީ ހަކަތައިގެ ސިޔާސަތުތައް އެކުލަވާލުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި މިފަދަ ޓްރެއިނިންގތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިއީ ބައިނަލްއަޤްވާމި މިންގަނޑުތަކަށް ޑޭޓާ އެއްކުރުމަށް ލިބޭ ފުރުސަތެއްކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

ހަކަތައިގެ ދާއިރާއަކީ ސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަރުވަމުން އަންނަ ދާއިރާއެކެވެ. ނަމަވެސް މިދާއިރާ ކުރިމަގުގައި ފުޅާކުރުމަށް ޕްލޭންތައް ހެދުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހިމަކީ އެކަށީގެންވާ މިންވަރަށް ކަމާގުޅޭ ޑޭޓާ ނުވަތަ މަޢުލޫމާތު ރައްކާތެރިކުރެވިފައި ނެތުންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ފާހަގަކުރޭ. އަދި މި ދާއިރާއިން ތަމްރީނުވެގެންތިބި މީހުން ރާއްޖޭގައި މަދުކަންވެސް އެމިނިސްޓްރީން ފާހަގަކުރެއެވެ.

މި ވަރކްޝޮޕްއަކީ ހަކަތައިގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ސިޔާސަތުތައް ހެދުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބާރުއެޅުމަށް ބާއްވާ ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕްގެ ޒަރިއްޔާއިން މަޢުލޫމާތު އެއްކުރުމާ ގުޅުންހުރި ޓެކްނިކަލް މަޢުލޫމާތާއި، ހަކަތަ އުފައްދާ މިންވަރާއި، ހަކަތަ އުފެއްދުމަށް ތެޔޮ އަންދާ މިންވަރާއި، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރާ ގުޅޭ މަޢުލޫމާތާއި، މިކަންމުގެ ތަފާސްހިސާބު ބަލަހައްޓާނެ ގޮތް ކިޔައިދޭނެއެވެ.

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަރކް އެނަރޖީ ސެންޓަރުގެ ޑިރެކްޓަރ މުޙައްމަދު ނަޢީމް މަލިކް ވިދާޅުވީ ހަކަތައާގުޅޭ މަޢުލޫމާތު ފުރިހަމައަށް އެއްނުކުރެވުމަކީ އޭގެ ނުރަނގަޅު އަސަރު ޤައުމުގެ އިޤްތިސާދައް ވަރަށް ބޮޑަށް ފޯރާނެކަމެއްކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު އެއްކުރުން ވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި އަގުހެޔޮކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށްވެސް މަގުފަހިވާނެ ކަމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަރކްޝޮޕްގައި ފެނަކައާއި، ސްޓެލްކޯއާއި، އެމް.ޑަބްލިއު.އެސް.ސީއާއި، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްރަކާއި، އަމިއްލައަށް ކަރަންޓުގެ ޚިދުމަތްދޭ ކައުންސިލްތަކުން ޖުމްލަ 20 ފަރާތުން ބައިވެރިވެފައިވެއެވެ.

މިއީ މިފަދަ ޓްރެއިނިންގ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.