ޚަބަރު

އައިޓީބީ އޭޝިއާ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ސިންގަޕޫރުގައި ބާއްވާ އައިޓީބީ އޭޝިޔާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން ހުޅުވާލައިފިއެވެ.

އައިޓީބީ އޭޝިޔާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 17-18 އަށް ސިންގަޕޫރުގެ ސޭޑްސް އެކްސްޕޯ ކޮންވެންޝަން ސެންޓަރގައެވެ. މަޓާޓޯއިން ބުނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ޚާއްސަ ފޯމް އެޖަމްޢިއްޔާގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 16 ވަނަ ދުވަހެވެ.

މަޓާޓޯއިން ބުނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 1500 ޑޮލަރަށް ފެއަރގައި ބައިވެރިވެވޭނެކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓް ހައުސްއާއި، އެއަރލައިންތައް އަދި ޓްރެވަލް އެޖެންޓުންނަށް މިފެއަރގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

އައިޓީބީ އޭޝިޔާ ބާއްވާ މިއީ 11 ވަނަ އަހަރެވެ. މިއީ އޭޝިޔާ ސަރަޙައްދުގެ ފަތުރުވެރިކަމުގެ އެކި ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ ފެއަރއެކެވެ.

އޭޝިއާ ސަރަޙައްދުން ރާއްޖެ އަންނަ ފަތުރުވެރިން މިދިޔަ 2 އަހަރުގެ ތެރޭގައިވަނީ އިތުރުވެފައެވެ. އެގޮތުން ޗައިނާ، ދެކުނު އިރުމަތީ އޭޝިއާ އަދި ދެކުނު އޭޝިއާ ސަރަޙައްދުން 2017 ވަނަ އަހަރު ރާއްޖެއައި ފަތުރުވެރިންގެ ޢަދަދު ވަނީ 21.4 އިންސައްތަ އިތުރުވެފައެވެ.