ޚަބަރު

ޕީޕީއެމް-އެމްޑީއޭ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް - މެމްބަރު ޖައުފަރު ދާއޫދު


ވެރިކަންކުރާ ޕީޕީއެމާއި އެމްޑީއޭ ހިމެނޭ ސަރުކާރު ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، ކޯލިޝަންގެ ގުޅުން ހީނަރުވެފައިވާކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވެއްޖެއެވެ.

އުނގޫފާރު ދާއިރާގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ޖައުފަރު ދާއޫދު ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމަށާއި އެ ދެފަރާތް އޮތީ ވަރަށް ބަދަހިކޮށް ދިވެހިންނަށް ފަހި ދުވަސްތަކެއް ހޯދައިދިނުމަށް ތައްޔާރަށް ކަމަށެވެ.

ޖައުފަރު ދާއޫދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާކަމަށް ބުނެ ރައްޔިތުންނަށް ދޮގު މައުލޫމާތުދެމުންދާ ކަމަށެވެ. އަދި އެފަރާތްތަކުން އެކަން ކުރަމުންދަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި މާޔޫސްކަން އިތުރުކުރުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

"
"އެމީހުން ދައްކާ ވާހަކައަކީ މި ކޯލިޝަންގެ ތެރޭގައި ހިމެނޭ އެއް ޕާޓީ އެމީހުންގެ ތެރެއަށް ގޮސް މަސައްކަތްކޮށްފިއްޔާ ސާޅީސް ނުވަތަ ސާޅިސް ފަހެއް ޕަސެންޓް ސަރުކާރުގެ ތެރެއިން ދޭ ވާހަކަ، ތިބޭފުޅުން އަމިއްލަ އަށް ވިސްނާލިޔަސް އެނގޭނެ ސާޅިސް ފަސް ޕަސެންޓް އެމީހުންގެ ކޯލިޝަންގައި ނުހިމެނޭ ބަޔަކަށް ދީގެން އެމީހުންނަށް އޮތީ ކޯޗެއްކަން ބާކީދެން."
އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު ޖައުފަރު ދާއޫދު

ޖައުފަރު ދާއޫދު ވިދާޅުވީ އިދިކޮޅުން ހަދާފައިވާ ކޯލިޝަނަކީ އެއްވެސް އަސާސެއް، ބިނާކުރަނިވި ޚިޔާލެއްވެސް ނެތި ވަރަށް ނާޒުކު ފައްތަރެއްގައި ތިބި ބައެއް ކަމަށެވެ. އެގޮތުން އެފަރާތުން ނެރެފައިވާ ކެނޑިޑޭޓު އިބްރާޙިމް މުޙައްމަދު ސޯލިޙަކީ ވެސް އެމްޑީޕީގެ އަސާސީ ޤަވައިދާ ޚިލާފަށް ޓިކެޓް ދީފައިވާ ބޭފުޅެއް ކަމަށް ޖައުފަރު ދާއޫދު ތުހުމަތު ކުރެއްވިއެވެ.

އުނގޫފާރުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި މުޅި ދުނިޔެއާ ދެކޮޅަށް ތެދުވެވަޑައިގަންނަވަން ކެރިވަޑައިގަތް ހަމައެކަނި ރައީސަކީ ރައީސް ޢަބްދުﷲ ޔާމީން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި، އިސްލާމްދީނުގެ ދިފާޢުގައި ރައީސް ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދޭން ޖެހޭކަމަށެވެ.