ސިޔާސީ

ނައިފަރު ރައްޔިތުން ރައީސް ޔާމީނަށް ތާއީދުކޮށް ހަރަކާތެއް ބާއްވައިފި


ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި، ރަނިންގމޭޓް ޑރ. ޝަހީމަށް ތާއީދުކުރާކަން ހާމަކުރުމަށް ޅ. ނައިފަރުގައި ޚާއްޞަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ހެލްތް މިިނިސްޓަރ ޢަބްދުއްﷲ ނާޒިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި މި ހަރަކާތުގައި، ސަރުކާރަށް ތާއީދުކުރާ ނައިފަރުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރޭގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ނާޒިމް ވަނީ ނައިފަރަށް ސަރުކާރުން ގެނެސްފައިވާ ތަރައްޤީއަށް ޓަކައި ކުރިއަށްއޮތް ދައުރުގައި ރައީސް ޔާމީނަށް ނައިފަރު ރައްޔިތުން ވޯޓް ދެއްވުމަށް ގޮވާލައްވާފައެވެ.

މިނިސްޓަރވަނީ މި ސަރުކާރުގެ 5 އަހަރު ތެރޭގައި ނައިފަރުގެ ތަރައްޤީއަށް ހިންގާފައިވާ ބައެއް މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެރަށުގައި އަލަށް އިމާރާތްކޮށް ޚިދުމަތްދޭންފެށި 5 ފަންގިފިލާގެ ހޮސްޕިޓަލް އިމާރާތާއި، ނަރުދަމާ ނިޒާމާއި، ފެނުގެ ނިޒާމުގެ މަސައްކަތާއި، ބަނދަރު ބޮޑުކުރުންފަދަ މަޝްރޫޢުތަކަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. ނައިފަރަކީ މިފަދަ ބިޔަ މަޝްރޫޢުތައް މި ސަރުކާރުން އެންމެ ގިނައިން ކުރިއަށްގެންދިޔަ ރަށްތަކުގެތެރޭގައި ހިމެނޭ ރަށެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ 5 ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ނައިފަރަށް ކުރީގެ ސަރުކާރުތަކުން މިފަދަ އެއްވެސް ކަމެއް ކޮށްދީފައިނެތުމަކީ ހިތާމަކުރާ ކަމެއްކަމެއްކަމަށެވެ.

މި ހަރަކާތުގައި ނައިފަރުގެ ރައްޔިތުންވަނީ މިސަރުކާރުން ނައިފަރާއި، މުޅި އަތޮޅުގެ ތަރައްޤީއަށް ކޮށްފައިވާ ކަންކަން ފާހަގަކޮށް ޝުޢޫރު ފާޅުކޮށްފައެވެ. އަދި ރާއީސް ޔާމީނާއި، ރަނިންމޭޓް ޑރ ޝަޙީމަކީ ޤައުމު ހިންގުމުގައި އެންމެ ޤާބިލު ދެ ބޭފުޅުންނަށްވާނެކަން ޔަގީންކުރާކަމަށް ޕީ.އެސް.އެމާ ވާހަކަދެއްކި ނައިފަރު ރައްޔިތުން ވަނީ ބުނެފައެވެ.

މިނިސްޓަރ ނާޒިމްވަނީ ޅ. ހިންނަވަރަށްވެސް ޒިޔާރަތްކުރައްވައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.