ޚަބަރު

ވެނެޒުއޭލާގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެއްޖެ


ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްގައި ކުރިއަށް ދިޔަ އަސްކަރީ ރަސްމިއްޔާތެއްގައި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއަކީ، އެ ޤައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ވެނަޒުއޭލާގެ އަސްކަރިއްޔާއަށް އަށްޑިހަ އެއް އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ޑްރޯން ބޭނުންކޮށްގެން އެއްޗެއް ގޮއްވާލާފައިވަނީ، ރަސްމިއްޔާތުގެ ބައިވެރިންނާ މުޙާތަބުކުރައްވާ މަޑޫރޯ ތަޤްރީރެއް ދެއްވަން ހުއްނަވަނިކޮށެވެ.

ވެނެޒުއޭލާގެ ޓިވީ މެދުވެރިކޮށް ލައިވްކުރަމުން ދިޔަ މި ރަސްމިއްޔާތަށް ހަމަލާ ދިންވަގުތު ޓީވީއިން ވަގުތުން ދުރަށް ދައްކާފައިވެއެވެ. ހަމަލާއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މަޑޫރޯ ވިދާޅުވީ، މި ހަމަލާއަކީ އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއެއްކަމަށެވެ.

މަޑޫރޯ ވިދާޅުވެފައިވަނީ، މި ހަމަލާއާ ބެހޭގޮތުން މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކުރާއިރު، އެ ހަމަލާއަކީ އެ ޤައުމުގެ ކަނާތު ފިޔައިގެ އިދިކޮޅު ފަރާތްތަކުން ރޭވި ރޭވުމެއް ކަމަށް ދައްކާ ކަމަށާއި، އެ ރޭވުމުގައި އަވަށްޓެރި ކޮލަމްބިއާ އާއި އެމެރިކާގެ އަތެއް ވުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. ހަމަލާއާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ގިނަ ބަޔަކު މިހާރު ހައްޔަރުކޮށްފައިވާކަމަށް، ރައީސް މަޑޫރޯ ވިދާޅުވިއެވެ. އެހެންނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ރައީސް މަޑޫރޯ ހާމަކުރައްވާފައެއްނުވެއެވެ.