ޚަބަރު

ފުރަތަމަ 3 މަހު ފަތުރުވެރިކަމުގެ އަމާޒުގެ 28 އިންސައްތަ ޙާސިލުކޮށްފި


ރާއްޖެއިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދިޔަ ނަމަވެސް މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާ މިންވަރުގެ 28 އިންސައްތަ، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ހާސިލް ކުރެވިފައިވާކަން އެމްއެމްއޭގެ ކުއަރޓަރލީ ބްލެޓިންއިން ދައްކައިފިއެވެ.

އެމްއެމްއޭގެ ކުއަރޓަރލީ ބްލެޓިންއިން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިންމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި 3 އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖެއަށް 420 ހާސް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި 3 އަހަރުދުވަހުގެ މި މުއްދަތާ އަޅާ ބަލާއިރުވެސް ވަރަށް ބޮޑުތަން އިތުރު ޢަދަދެކެވެ.

2017 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 359 ހާސް ފަތުރުވެރިންނެވެ. 2016 ވަނަ އަހަރު 344 ހާސް ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 2015 ވަނަ އަހަރު އައިސްފައިވަނީ 329 ހާސް ފަތުރުވެރިންނެވެ.

އެމްއެމްއޭގެ ބުލެޓިންއިން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވަނީ ފްލައިޓް މޫމަންޓްސް އިތުރުވެ، އާ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާގުޅިގެންނެވެ.

މިއަހަރުގެ ކުރީކޮޅު ރާއްޖޭގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިން ބުކިން ކެންސަލްކުރަމުންދިޔަ ކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރާފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށްވެސް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ތެދު މައޫލޫމާތު ބޭރު ޤައުމުތަކަށް ފޯރުކޮށްދީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ކާމިޔާބުކަން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާލުމުން ހާމަވެއެވެ.