ޚަބަރު

އިންޑަސްޓްރިއަލް ވިލެޖުގައި ހުރި އެއްގަމު އުޅަނދުތައް ނަގަން އަންގައިފި


މާލޭ ސިނާޢީ ސަރަޙައްދުގައި ޕާކް ކޮށްފައި ހުރި އެއްގަމު އުޅަނދުތައް އެސަރަޙައްދުން ނަގަން ހައުސިންގ މިިނިސްޓްރީން އަންގައިފިއެވެ.

ހައުސިންގ މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަޙައްދަކީ، ތަރައްޤީގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ސަރަޙައްދެއް ކަމަށްވާތީ، މަސައްކަތް ކުރުމުގައި ދިމާވެދާނެ ދަތިތަކަށްޓަކައި އެއްގަމު އުޅަނދު ޕާކް ކުރުން މަނާކޮށްފައިވާ ސަރަޙައްދެއް ކަމަށެވެ.

އެ އިޢުލާނުގައި ވަނީ އެ ސަރަޙައްދުގައި އެއްގަމު އުޅަނދު ޕާކްކުރުން މަނާކޮށްފައި ވަނިކޮށް ގިނަ ޢަދަދެއްގެ ވެހިކަލްތައް މިހާރުވެސް ޕާކްކޮށްފައި އެބަހުރި ކަމަށާއި، އެވެހިކަލްތައް ނެގުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އެހެންކަމުން އެ ވެހިކަލްތައް ނެގުމާއި ގެންދިއުމުގައި ލިބިދާނެ އެއްވެސް ގެއްލުމަކަަށް އެ މިނިސްޓްރީން ޒިންމާ ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުގެ މޫދުން ބައެއް ހިއްކައިގެން އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައި އެ ސަރަޙައްދު ތަރައްޤީ ކުރުމަށް ސަރުކާރުން ގެންދަނީ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އެގޮތުން މާލޭގައި ހުރި ގުދަންތަކާއި، ގަރާޖްތަކާއި، ޕެޓްރޯލް ޝެޑްތައް އެ ސަރަޙައްދަށް ބަދަލުކުރަން ނިންމާފައިވާ އިރު، އިންޑަސްޓްރިއަލް ވިޖެލުގައި 3 ބުރި ނުވަތަ 4 ބުރީގެ ބޮޑެތި ގުދަންތަކެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް މާލޭގެ ގޭބިސީތަކުގައި އުފެދޭ ކުނި އިންޑަސްޓްރިއަލް ވިލެޖަށް ޖަމާކޮށް، ކުނި ނައްތާލުމަށްޓަކައި ރައްކާތެރިކަމާ އެކު ތިލަފުއްޓަށް ކުނި ގެންދިއުމުގެ މަސައްކަތް ވެމްކޯއިން ކުރަމުން ގެންދަނީވެސް ސިނާޢީ ސަރަޙައްދުގައެވެ.