ޚަބަރު

ތެލަސީމިއާއާގުޅޭ މަޢުލޫމާތުދިނުމަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި


ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތެލަސީމިއާ ކޮންޓްރޯލްކުރުމާ ގުޅޭ މަޢުލޫމާތުދިނުމަށް މަސައްކަތު ބައްދަލުވުމެއް ޅ. ނައިފަރުގައި ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ކުރިއަށްގެންދިޔަ ތެލަސީމިއާ ކޮންޓްރޯލްކުރުމާބެހޭ މަސައްކަތު ބައްދަލުވުމަކީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ވަރކްޝޮޕްގައި ޅ. އަތޮޅުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، ހެލްތް ވޯކަރުން ބައިވެރިވެފައިވެއެވެ.

އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި، ތެލަސީމިއާ ކެރިއަރުންނާއި ޕޭޝަންޓުން އިތުރުވުމަށް ދިމާވާ ސަބަބުތަކާއި، އެކަން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންކަމާއި، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ ގޮތްތައްކާބެހޭ މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެފައިވަނީ މި ވޯކްޝޮޕްގެ އެންމެ މުހިންމު މަޤްސަދަކީ، ވޯކްޝޮޮޕުން ތަމްރީނުވި ފަރާތްތައް މެދުވެރިކޮށް، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއިއެކީ މަޢުލޫމާތު ފޯރުކޮށްދިނުންކަމަށެވެ.

މި ވޯކްޝޮޕްގެ ނިމުންފާހަގަކޮށް، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓާރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

ވޯކްޝޮޕާގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ކްލިނިކަލް ނަރސް ގުލިސްތާން އީސާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 16 އިންސައްތައަކީ ތެލަސީމިއާ ކެރިއަރުންކަމަށާއި، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތެލަސީމިއާ ކެރިއަރުން އެންމެ ގިނަ ޤައުމުކަމަށެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ތެލަސީމިއާ ކެރިއަރުން އިތުުރުނުވެ އެއްވަރެގައި ހިފެހެއްޓިފައިވާއިރު، މިހާރު އެ ސެންޓަރުގެ އެންމެ ބޮޑު ޢަމާޒަކީ ތެލަސީމިއާ ކެރިއަރުން މަދުކުރުންކަމަށެވެ. އެގޮތުން މި ވޯކްޝޮޕުން ތަމްރީންވި ފަރާތްތަކަށް ލިބުނު މަޢުލޫމާތުގެ އެހީގައި، ދެ ކެރިއަރުން ކައިވެނިކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމާއި، މީހުން ހޭލުންތެރިކުރުމާއި، އަދި ޕޭޝަންޓުންނަށް ޚިދުމަތް ދިނުމުގައި އިތުރަށް ސަމާލުވާންވީ ކަންކަން ކިޔައިދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"
"ރާއްޖޭގައި ތެލަސީމިއާ ޕޭޝަންޓުންނަށް ފަރުވާދިނުމަށް އެންމެ އެކަށީގެންވާ ނިޒާމެއް ނެތްނަމަވެސް، ބްލަޑް ސަރވިސަސްއިން ވަރަށް ބޮޑަށް މަސައްކަތް ކުރަން. މިކަމަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، މިކަމަށް ތަމްރީންވާ ފަރާތްތައް އެ މަސައްކަތް ދޫކޮށް އެހެން ދާއިރާތަކަށް ބަދަލުވުމަކީ. ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އެއްހަމައެއްގައި ޚިދުމަތް ދިނުމަށް"
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ކްލިނިކަން ނަރސް ގުލިސްތާން އީސާ

މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި، ޅ. އަތޮޅު ހޮސްޕިޓަލް ގުޅިިގެން ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ޅ. އަތޮޅުގައި މީހުން ދިރިއުޅޭ 4 ރަށުގެ ސިއްޙީ ޚިދުމަތްދޭ އިދާރާތަކުން 27 ބައިވެރިން ބައިވެރިވެފައިވެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 600 އެއްހާ ލޭއަޅާކުދިން ދިރިއުޅެއެވެ.