ޚަބަރު

"ދަ ކޯލް" ދީނީ ދަރުސް މިރޭ އޮންނާނެ


ދިވެހިރައްޔިތުންގެ އިސްލާމީ އަޤީދާ ހަރުދަނާކޮށް އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ ދީނީ ޖަމްޢިއްޔާ، ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ ދީނީ ޙަރަކާތް "ދަ ކޯލް" މިރޭ އޮންނާނެއެވެ.

އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށްގެންދާ މި ޙަރަކާތް އޮންނާނީ މިރޭ 20:45 ގައެވެ. މި ޙަރަކާތުގައި މިރޭ ދީނީ ދަރުސް ދެއްވާނީ އިނގިރޭސިވިލާތުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުޙައްމަދު ޓިމް ހަމްބަލްއެވެ. މިރޭގެ ދަރުސްގެ މައުޟޫއަކީ ’ދަ ޕީ-ފެކްޓާރ‘ އެވެ.

"ދަ ކޯލް" ހަރަކާތަކީ ޖަމްޢިއްޔަތުއްސަލަފުން ކުރިއަށް ގެންދާ ބައިނަލްއަޤުވާމީ ދީނީ ހަރަކާތެކެވެ. މި ހަރަކާތުގެތެރެއިން ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި ދާޢީން ރާއްޖެ ގެނެސް މީގެކުރިންވެސް ދަރުސްދީފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުން ބުނީ މިފަހަރުގެ ޙަރަކާތުގެ ތެރެއިން އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ރުޤްޔާ ވޯރކްޝޮޕަކާއި ދަރިވަރުންނަށް ޚާއްސަ ދަރުހެއް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި ހިޖުރަ ކޭމްޕުގެ ނަމުގައި އދ.މަހިބަދޫގައިވެސް ޚާއްސަ ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ ދީނީ ޙަރަކާތް "ދަ ކޯލް" ފަށާފައިވަނީ 2009 އަހަރުގައެވެ. އެއަށްފަހު 2010 އާއި 2014 ވަނަ އަހަރުވެސް ވަނީ ރާއްޖެއިން ބޭރުން އެކި ޢިލްމުވެރިން ގެނެސް މިހަރަކާތް ކުރިއަށްގެންގޮސްފައިވެއެވެ.