ޚަބަރު

އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ އިތުބާރު ގެއްލޭގޮތަށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި


އޮޑިޓަރ ޖެނަރަލް އޮފީހުގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް އެއްވެސް މީޑިއާއަކުން ޚަބަރު ނުފެތުރުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން އިލްތިމާސްކޮށްފިއެވެ.
އޮޑިޓަރ ޖެނަރަލް އޮފީހުން ނެރުނު ބަޔާނެއްގައިވަނީ ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި އާއްމުންނަށް އޮޅުންއަރާފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރާ ފަރާތްތަކުން އެގޮތަށް އަމަލު ނުކުރެއްވުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
އޮޑިޓަރ ޖެނަރަލް އޮފީހުން ބުނީ އެއޮފީހުގެ މަސައްކަތާއިގުޅޭ ޚަބަރު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެ އޮފީހުގެ ވެބްސައިޓުގައި ލިބެން ހުންނާނެކަމަށެވެ. އަދި ވަކި ޚާއްސަ މަޢުލޫމާތެއް ބޭނުންވާނަމަ އެކަންވެސް އޮންނަ އުޞޫލުގެ ތެރެއިން އޮޑިޓަރ ޖެނަރަލްގެ އޮފީހުން ފޯރުކޮށްދޭކަމަށެވެ. އެހެންކަމުން ޚަބަރު ފެތުރުމުގައި އޮޑިޓަރ ޖެނަރަލް އޮފީހުގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް އެއްވެސް މީޑިއާއަކުން އަމަލުނުކުރުމަށް އޮޑިޓަރ ޖެނަރަލް އޮފީހުން ނެރުނު ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.