ޚަބަރު

ރީ-ރެޖިސްޓަރ ކުރުމަށް 10،000 ފޯމް ހުށަހެޅި ކަމަށްބުނެ އެމްޑީޕީން ދައްކަނީ ދޮގު ވާހަކައެއް- އިލެކްޝަންސް


އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބުގެ ރީ-ރެޖިސްޓްރޭޝަނަށް 10،000 ފޯމް ހުށަހަޅާފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.

ރީ-ރެޖިސްޓްރޭޝަން އާ ގުޅޭގޮތުން އެމްޑީޕީން ދައްކަމުންދާ ވާހަކަތައް ދޮގުކޮށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރީ-ރެޖިސްޓްރޭޝަނަށް 10،000 ފޯމް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރީ-ރެޖިސްޓަރ ކުރުމުން ދޭ ސްލިޕްގެ އޮރިޖިނަލް ކޮޕީ ނުދީ ހިފަހައްޓާފައިވާކަމަށްބުނެ ދައްކާ ވާހަކައަކީވެސް ދޮގު ވާހަކައެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބައެއް ފަހަރު ރީ-ރެޖިސްޓަރ ވުމަށް ގިނަ އަދަދެއްގެ ފޯމް އެއްފަހަރާ ހުށަހެޅުމުން ސްލިޕް ދޫކުރުމުގައި ލަސްވުމެއް އުޅެދާނެ ކަމަށާއި، އެހެން ނަމަވެސް އެއްވެސް ފަރާތަކަށް ރީ-ރެޖިސްޓްރީ ވުމުން ދޭން ޖެހޭ ސްލިޕް ދޫނުކޮށް ހިފަހައްޓާފައި ނުވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ރީ-ރެޖިސްޓްރޭޝަނަށް އެކި ފަރާތްތަކުން ހުށަހަޅާފައި ވަނީ ޖުމްލަ 27،000 ފޯމް ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގައި ވޯޓްލުމަށް ރީ-ރެޖިސްޓަރ ވުމުގެ ފުރުޞަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.