ޚަބަރު

ފުނަދޫ "އާބާދު 50 ސްޕޯރޓްސް ފެސްޓިވަލް" ފަށައިފި


ށ. ފުނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "އާބާދު 50 ސްޕޯރޓްސް ފެސްޓިވަލް" ފަށައިފިއެވެ.

ފުނަދޫގެ އެކި އުމުރުގެ މީހުންނާއި ށ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލް ރަސްމީކޮށް ފައްޓަވައިދެއްވީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު އާރިފް އެވެ.

ތަފާތު އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް ފަށާފައިވަނީ ފުޓުބޯޅަ މުބާރާތުންނެވެ. ޖުމްލަ 5 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ށ. އަތޮޅު ފީވަކު ޒުވާނުންގެ ގުޅުމާއި މިލަންދޫ ފުޓުބޯލް ކުލަބެވެ.

މި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގައި ފީވަކު ޓީމަށް ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގައި މުޙައްމަދު ޔަޒްދާންއެވެ. އަދި ދެވަނަ ހާފުގައި މިލަންދޫއަށް ލަނޑު ޖަހައިދިނީ އިބްރާހިމް ޝިޔާމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަށް ހޮވުނީ ފީވަކު ޓީމުގެ ގޯލް ކީޕަރު ހަސަން އަޝްރަފެވެ.

ފެސްޓިވަލްގެ ދެވަނަ ބައެއްގެ ގޮތުގައި ރޭ ކުޅެފައިވަނީ ފިރިހެން ޑިވިޝަންގެ ވޮލީ މުބާރާތުގެ ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ދައްފަޅު ލޮޖާއި ފުނަދޫ އަތޮޅު ހޮސްޕިޓަލެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ދައްފަޅު ލޮޖެވެ. މެޗުގެ ސެޓުތައް އެޓީމުން ކާމިޔާބުކުރީ 25-21، 25-23 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދައްފަޅު ލޮޖުގެ އިމްތިޔާޒުއެވެ.

މި ފެސްޓިވަލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ، މިފަދަ ފެސްޓިވަލަކުން ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ، ޒުވާނުންގެ މެދުގައި ކުޅިވަރަށް ދެވިފައިވާ އަހައްމިއްޔަތުކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އާބާދު ފަންސާހުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ފުނަދޫގެ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ނަމޫނާ ދައްކުވައިދޭނެ ފެސްޓިވަލެއް. މިގޮތަށް ތަފާތު އެކި ރަށްރަށުން ވަޒަންވެރިވެގެން ދިރިއުޅޭ އެންމެނަށް މިހެން މި ފުރުސަތުތައް ދިނުމުން ހަމަހަމަކަން ފެނިގެންދޭ. ހުރިހާ އެންމެންނަކީ އަހުންތަކެއްގެ ގޮތުގައި އެކުގައި އުޅޭ ބަޔަކަށް ވެގެންދޭ." އަހުމަދު އިބްރާޙިމް ވިދާޅުވިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓުބޯޅަ، ވޮލީ، ބަށި އަދި މޫދު ކުޅިވަރުތަކެވެ.