ޚަބަރު

މޫސުމާބެހޭ ޤައުމީ އިދާރާއަށް 44 އަހަރު- ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް


"މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް" ނުވަތަ މުސުމާބެހޭ ޤައުމީ އިދާރާ އުފައްދާ ޚިދުމަތްދޭން ފަށާފައިވަނީ މީގެ 44 ހަތަރު އަހަރު ކުރިންނެވެ. 1974 ވަނަ އަހަރުގެ އޮގަސްޓްމަހުގެ އެއްވަނަ ދުވަހު ހުޅުލޭގައި ޤާއިމްކުރި މި އޮފީހުން އޭރު ދެމުންދިޔައީ ހަމައެކަނި ވައިގެ ދަތުރުތަކަށް ބޭނުންވާ މޫސުމާބެހޭ މަޢުލޫމާތުތަކެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާގެ ޚިދުމަށް ފެށިތާ 44 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މެޓް އޮފީހުގެ ޚިދުމަތްވަނީ އެތައް ގުނައަކަށް ފުޅާކޮށްފައެވެ. ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުމާބެހޭ މަޢުލޫމާތުތައް ހޯދާ އެއްކުރުމުގައި ދަތިތަކެއް ހުރިނަމަވެސް މި މަސައްކަތް މިހާރު ކުރަމުންދަނީ އޮޓަމޭޓެޑް ސިސްޓަމްތަކެއްގެ އެހީގައި އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައެވެ.

ރާއްޖޭގައި ދެ މޫސުމެއް ތަޖުރިބާކުރަމުންދާއިރު، މުސުމަށް އަންނަމުންދާ ބަދަލުތަކާއި އެކި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ބަދަލުވާގޮތުގެ މަޢުލޫމާތު އެއްކުރުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ދަނީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުމާބެހޭ މަޢުލޫމާތު އެއްކޮށް، ދުނިޔެގޭ އެކި ކަންކޮޅުތަކުގެ މޫސުމަށް އަންނަ ބަދަލުތައް ބަލައި އޭގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، ބިންހެލުމާއި ސުނާމީފަދަ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި އެ މަޢުލޫމާތު ދޭ އަރލީ ވޯނިންގ ސިސްޓަމް ޤާއިމް ކުރުންފަދަ މުހިންމު މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން މޫސުމާބެހޭ ޤައުމޫ އިދާރާއިން ވަނީ މިދިޔަމަހުގެތެރޭގައިވެސް ރާއްޖޭގެ 20 ސަރަޙައްދެއްގައި އޮޓަމެޓިކް ވެދަރ ސިސްޓަމް ޤާއިމުކޮށްފައެވެ. މި ސިސްޓަމްތައް މިހާރު ބޭނުންކުރަން ފަށާފައިވާއިރު މިހާރު ރާއްޖޭގެ 45 ސަރަހައްދަކުން މޫސުމާބެހޭ މަޢުލުމާތު އެއްކުރެވޭނެ އިންތިޒާމް މޫސުމާބެހޭ ޤައުމީ އިދާރާގައި ވަނީ ޤާއިމް ކޮށްފައެވެ. މި ސިސްޓަމްތައް މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަޙާއްދުތަކުގެ މޫސުން ހުރިގޮތާއި، ކުރިއަށް ލަފާކުރެވޭގޮތާއި އަދި ރާއްޖޭގެ މޫސުން ބައްޓަންވަމުންދާ ގޮތުގެ މަޢުލޫމާތު ފަސޭހަ ކަމާއެކު ލިބެމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މީގެއިތުރުން މޫސުން ގޯސްވާ މިންވަރު ދެނެގަތުމަށް ޤާއިމުކޮށްފައިވާ ޑޮޕްލަރ ވެދަރ ރޭޑަރ ސިސްޓަމްވެސް މަރާމާތުކޮށް މިހާރު ބޭނުންކުރަން ފަށާފައިވާކަމަށް މުސުމާބެހޭ އިދާރާއިން ބުނެއެވެ. މި ސިސްޓަމަކީ މޫސުމާގުޅޭ މަޢުލޫމާތު ހޯދުމަށް ބޭނުންވާ ސެޓަލައިޓް ފޮޓޯތައް ނެގުމަށް ބޭނުންކުރަމުންދާ ސިސްޓަމެކެވެ.

މޫސުމާއި ގުޅޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން އާންމުންނަށް ފޯރުކޮށްދިނުމަށް މޯބައިލް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތްވެސް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ފަށާފައެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއި މޫސުމަށް އަންނަ ބަދަލުތަކާއި، މޫސުން ލަފާކުރެވޭ ގޮތްތަކުގެ މަޢުލުމާތު ވަގުތުން ވަގުތަށް އާންމުންނަށް ލިބޭނެއެވެ. މި މޯބައިލް އެޕްލިކޭޝަނާއިއެކު އެލަރޓް ސިސްޓަމެއްވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މި އެލަރަޓް ސިސްޓަމްގެ ޒަރިއްޔާއިން ބިންހެލުންފަދަ ކާރިސާތަކުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީ ސަމާލުވާންޖެހޭ ކަންތައްތަކުގެ މަޢުލޫމާތުވެސް ލިބޭނެއެވެ.

މީގެއިތުރުން މެޓް އޮފީހުގައި ޤާއިމުކޮށްފައިވާ ސްޓޫޑިއޯ މެދުވެރިކޮށް މީޑިއާތަކުގެ ޒަރިންޔާއިން ކޮންމެ ދުވަހަކުވެސް މޫސުމާގުޅޭ ފަހުގެ މަޢުލޫމާތުތައް މެޓް އޮފީހުން ދަނީ ފޯރުކޯށްދެމުންނެވެ.

ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާގެ މަސައްކަތް ފުޅާކޮށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ދެމުންދާއިރު، ވައިގެ ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ދާއިރާއިން ދޭ އައި.އެސް.އޯ ސެޓްފިކެޓްވެސް އެ އިދާރާއިން ވަނީ ހާސިލްކޮށްފައެވެ.