ޚަބަރު

އެމްޓީސީސީގެ "ހުނަވަރު ޕްރޮގްރާމް" އިފްތިތާޚްކޮށްފި


މަސައްކަތުގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިންގ ކޮމްޕެނީ، އެމްޓީސީސީން ކުރިއަށް ގެންދާ "ހުނަވަރު ޕްރޮގްރާމް" އިފްތިތާޚްކޮށްފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޚްކޮށް ދެއްވީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރުއެވެ.

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމް އިފްތިތާޚްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލް ކަމަށާއި، ހުނަރުވެރި ޤާބިލް ޒުވާނުން އުފެއްދުމަށް ބޭނުންވާ ހުނަރު ޒުވާނުންގެ ގައިގާ އަށަގަންނަވަން ޖެހޭ ކަމަށެވެ.

ޑރ. ނަޒީރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުން ބާރުވެރި ކުރުވުމަށްޓަކާ ތަފާތު ދާއިރާތަކުން ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި، އެފަދަ ފަހި ފުރުޞަތު ތަކާއެކު ދުވަހަކުވެސް ރާއްޖެ ދެކެފައި ނުވާ ވަރުގެ ބިޔަ މަޝްރޫއުތަކެއް ރާއްޖޭގައި މި ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރުޢުތަކަށް ބޭނުންވަނީ ހުނަރުވެރި ޒުވާނުން. ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، ހުރިހާ ދާއިރާތަކަށްވެސް ހުނަރުވެރި ޒުވާނުން ބޭނުންވޭ،" ނަޒީރު ވިދާޅުވިއެވެ.

ޑރ. ނަޒީރު ވިދާޅުވީ، މަސައްކަތުގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުމަށް މިފަދަ ޕްރޮގްރާމެއް އިފްތިތާހް ކުރެވިގެން ދިއުމަކީ އިތުރު ޒުވާނުންތަކަކަށް ހުޅުވިގެން ދިޔަ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާއި، މިފަދަ ފުރުޞަތުގެ ބޭނުން ހިފައިގެން މިފަދަ ޕްރޮގްރާމްތައް ނިންމާ ކޮންމެ ދަރިވަރަކަށްވެސް ވަޒީފާގެ ފުރުޞަތުތައް ހަމަޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ސްކޫލުތަކުގައި ފެށި ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ތަމްރީން ލިބިގެން ގިނަ ކުދިންތަކެއް ވަޒީފާގެ މާހައުލަށް ނުކުމެފައިވާ ކަމީ އުފާކުރަން ޖެހޭ ކަމެއް ކަމަށާއި، އެފަދައިން "ހުނަވަރު ޕްރޮގްރާމް"ގެ ދަށުން ތަމްރީންވާ ދަރިވަރުންނަށް ވެސް ވަޒީފާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަކީ ޒުވާނުން ބާރުވެރި ކުރުވާ ޒުވާނުން ކުރިއެރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި، އެ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ، އެތަކެއް ޒުވާނުން ކުރިއަރައިގެންދާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

"މި ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަސްތެރޭ އެމްޓީސީސީ މިވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި. މި ކުންފުނީގެ އަމާޒަކީ އަހަރަކު 200 އަށްވުރެ ގިނަ ޒުވާނުން މަސައްކަތުގެ މާހައުލަށް ތަމްރީން ކޮށްގެން ނެރުން" ޒިޔަތު ވިދާޅުވިއެވެ.

ސަރުކާރާއި ރައްޔިތުން ޙއްޞާވާ ފިޔަފާރި ކުންފުނި، އެމްޓީސީސީން ކުރިއަށް ގެންދާ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުންނަށް ފޯމު ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހުޅުވާލެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.