ޚަބަރު

ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ވޯލްޑު ބޭންކުން 12 މިލިޔަން ޑޮލަރު ދީފި


ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ވޯލްޑު ބޭންކުން 12 މިލިޔަން ޑޮލަރު ދީފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެހީގެ އެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރުއެވެ. ވޯލްޑު ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެބޭންކުން މިސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރ އައިޑާ ސްމަރައި ރިދިހް އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، މިއީ ރާއްޖޭގެ ޕަބްލިކް ފައިނޭންސް ދާއިރާ ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީން ފަށާފައިވާ އިސްލާހީ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މިއީ ވޯލްޑް ބޭންކާއި ގުޅިގެން ވޭތުވެދިޔަ 8 ވަރަކަށް އަހަރު ކުރި މަސައްކަތް ކާމިޔާބުވެ، ގިރާކުރެވުނު އައު ހަރުފަތެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. މިނިސްޓަރ މުނައްވަރު ވިދާޅުވީ، ވޯލްޑު ބޭންކުން ދެއްވި 12 މިލިޔަން ޑޮލަރުގެ ތެރެއިން ދެބައިކުޅައެއްބައި ދީފައިވަނީ ހިލޭ އެހީގެ ގޮތުގައި ކަމަށެވެ.

"އަޅުގަނުމެން ވޯލްޑް ބޭންކާއެކު މި ސޮއިކުރީ ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ މަސައްކަތަށް 12 މިލިޔަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓެއްގައި. މީގެ ތެރެއިން ފަންސާސް އިންތައްތައަކީ ހިލޭ އެހީ. އެހެންވީމަ އަޅުގަނޑު ޤަބޫލު ކުރަނީ މިއީ ސަރުކާރުން ޕަބްލިކް ފައިނޭންސްގެ ދާއިރާ އިސްލާޙް ކުރުމަށް ކުރާ މަސައްކަތަށް ވޯލްޑް ބޭންކުން ދެއްވި ވަރަށް މުހިއްމު އެހީއެއްކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވޯލްޑް ބޭންކުގެ ކަންޓްރީ ޑައިރެކްޓަރ އައިޑާ ސްމަރައި ރިދިހް ވިދާޅުވީ، މިއަދު ހަވާލުކުރި 12 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ޕެކޭޖުގެ މައިގަނޑު އަމާޒަކީ ވޯލްޑް ބޭންކުގެ އެހީއާއެކު ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތައް އިތުރަށް އެހީތެރިވެދީ އެކަން އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. އެނާ ވިދާޅުވީ މިދާއިރާ ހަރުދަނާ ކުރުމުގައި ނާޒުކު ކަންތައްތަކެއްވެސް އެބަހުރިހަމަށާއި އެހެން ނަމަވެސް ސިސްޓަމްތަކަށް އައި ކުރިއެރުމާއެކު ގިނަ ކުރިއެރުންތަކެއްވެސް ހޯދާފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވަނީ މި ނިޒާމަށް އައި ހެޔޮ ބަދަލުތަކާއެކު ބަޖެޓް ތައްޔާރުކުރުމާއި، އެކްސިކިއުޝަން މިހާރު މިވަނީ މާބޮޑަށްވެސް ރަންގަޅު ކުރެވިފައިކަން." އައިޑާ ސްމަރައި ވިދާޅުވިއެވެ.

ވޯލްޑް ބޭންކާއި ގުޅިގެން އެންމެ ފުޅާ ދާއިރާއެއްގައި އިސްލާޙް ކުރަމުންދަނީ ޕަބްލިކް ފައިނޭންސް ދާއިރާ އިސްލާހްކުރުމަށް ކަމަށާއި، މީގެ ތެރެއިން ޚާއްސަ އިސްކަމެއް ދީގެން ޑެބްޓް މެނޭޖްމަންޓާއި، ފިސްކަލް ރިޕޯޓިންގ މެކޭނިޒަމްތައް އިތުރަށް ހަރުދަނާކުރުމާއި، އެސް.އޯ.އީސް އިސްލާހްކުރުމުގެ އިތުރުން ތަފާސް ހިސާބުގެ ދާއިރާވެސް ހަރުދަނާ ކުރާނެކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މިއާއެކު މިއަހަރު ނިމުމުގެ ކުރިން މިމަސައްކަތުގެ މުހިންމު ކާމިޔާބީތަކެއް ހާސިލްކުރެވޭނެ ކަމަށް ފިނޭންސް އެމިނިސްޓްރީން ލަފާކުރެއެވެ.