ޚަބަރު

20 ރަށެއްގައި ނަރުދަމާ ޤާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފި


އެކަށީގެންވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން 20 ރަށެއްގައި ނަރުދަމާ ޤާއިމް ކުރުމަށް ސްރީލަންކާގެ "ހޭކާރބް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ފެންކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްއާނެވެ. ސްރީލަންކާގެ ހޭކާރބް ޕްރައިވެޓް ލިމިޓެޑްއިން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރަޖިތާ ކަރި ވަސަނާއެވެ.

ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ރައްތަކަކީ ހއ.މާރަންދުއާއި ވަށަފަރު، ހދ.ވައިކަރަދުއާއި ފިނޭ، ށ،ފޯކައިދޫ، ނ.މާފަރާއި ޅޮހި، ރ.ކިނޮޅަސް، ބ.ކިނޮޅަހާއި މާޅޮހާއި ގޮއިދޫއެވެ. މީގެ އިތުރުން ޅ.އޮޅުއަލިފުއްޓާއި ކ.ގުޅިއާއި އއ.ފެލިދޫ، ވ.ކެޔޮދޫ، އދ.ދިގުރަށް، ތ.ހިރިލަންދޫ، ގއ.ދެއްވާދޫގެ އިތުރުން ގދ. ހޯޑެއްދޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ކޮންޓްރެކްޓްގައި އއ.މަތިވެރި ހިމަނާފައިވީނަމަވެސް މިހާރު އެރަށުގެ މަސައްކަތް ކުރަމުންދާތީ އެހެން ރަށެއް މި ލިސްޓަށް އިތުރުކުރާނެކަމަށްފެނަކަ ކޯޕަރޭޝަނުންބުނެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠޯރިޤް އިބްރާހީމް ވިދާޅުވީ ރަށްރަށުގައި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތަކީ ހުއްޓާލާނެ މަސައްކަތެއް ނޫންކަމަށާ، މިޚިދުމަތް މިހާތަނަށް ނުލިބޭ ރަށްތަކަށް ނަރުދަމާގެ ނިޒާމް ފޯރުކޮށްދޭނެކެމަށެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ ވެރިކަމުގައި މިހާތަނަށް 22 ރަށެއްގައި ނަރުދަމާގެ މަސައްކަތައް ފަށައި މުޅިން ނިންމާލަފައިވާނެކަމަށެވެ.

އާބާދީގެ 75 އިންސައްތައަށް މިހާރު ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީފައިވާއިރު މީގެ ސަބަބުން ރަށްރަށުގެ ސިއްޙީ ޙަލާތް ރަނަގޅުވުމާއި ތިމާވެށި ރައްކާތެރި ކުރުމުގެ އިތުރުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުވެގެންދާނެކަމށް މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ. 83 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމްކޮށް ޚިދުމަތްދެމުންދާއިރު މި މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެއްވެސް މެމްބަރެއްގެ ވޯޓް ލިބިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"83 ރަށުގެ ނަރުދަމާ ނިޒާމަށް 2.1 ބިލިޔަން ރުފިޔާ ޚަރަދުވެއްޖެ. މި ސަރުކާރުން ކަންތައްތައް ކުރަނީ ކުރަންޖެހޭ ގޮތަށް ވަސީލަތައްތަކާއި ފައިސާ ހޯދައިގެން." ޠޯރިޤް ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ތިމާވެއްޓަށް ދީފައިނުވާ ސަމާލުކަން މިސަރުކާރުން ދެމުންގެންދާކަމަށާއި މިހާތަނަށް 20 ރަށެއްގައި ރައްކާތެރި ބޯފެން ފޯރުކޮށްދެމުންދާއިރު، 45 ރަށެއްގައި އެމަސައްކަތް ކުރަމުންދާކަމަށެވެ. އަދި އިރުވައިމޫސުމުގެ ހޫނު ދުވަސްވަރު ފެނަށްޖެހޭ ޖެހުން ހައްލުކުރުމަށްޓަކައި 36 ރަށެއްގައި ފެންތާގި ބަހައްޓާފައިވާކަމަށާ، މިކަމަށްޓަކައި އިތުރު 45 ރަށެއް ޓެންޑަރ ކޮށްފައިވާކަމަށްވެސް މިނިސްޓާރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްއާން ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަބަދުވެސް އެކުންފުނި އޮންނާނެކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގެ ފެނާ ނަރުދަމާގެ ނިޒާމު އެކުންފުނިން ބަލަހައްޓަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

20 ރަށުގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ސްރީލަންކާގެ ހޭކާރބް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ދޮޅުއަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަޝްރޫއުއަށް 53 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 866 މިލިޔަނެއްހައި ރުފިޔާ ޚަރަދުވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. މި ރަސްމިއްޔާތުގައި މި ރަށްތައް ހިމެނޭ ދާއިރާގެ މަޖިލިސް މެންބަރުން ބައިވެރިވިއެވެ.