ޚަބަރު

ރީ-ރަޖިސްޓަރީ ފޯމްތައްބަލައިގަންނަ ވަގުތުތަކަށް ބަދަލު ގެނެސްފި


ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމަށްޓަކައި ބާޖަމާލުއްދީނު ޢިމާތާރުގައި ޤާއިމުކޮށްފައިވާ އިންތިޚާބީ މަރުކަޒަށް ހުށައަޅާ ފޯމްތައް ބަލައިގަންނަ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ.

މިގޮތުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 05:00 އަށް ފޯމުތައް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެެ. މީގެ އިތުރުން ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރީ-ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަންޖެހޭނީ މާލޭގައި ނަމަ، ބާޖަމާލުއްދީންގައި ހުންނަ އިންތިޚާބީ މަރުކަޒަށާއި، އަތޮޅުތަކުގައި ނަމަ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ނަމަ ސިޓީ ކައުންސިލް އިދާރާއަށްކަމަށެވެ.
ހުޅުމާލޭގައިނަމަ ހުޅުމާލޭ ޔޫތު ސެންޓަރުގެ އެއްވަނަ ފަންގިފިލާއިންނެވެ. އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި ޤާއިމުކުރާ މޯބައިލް ސްޓޭޝަނުންވެސް ރީރަޖިސްޓްރީ ކުރުމުގެ ޚިދުމަތް ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރީ-ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 20ހާހަށްވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް، ރީ-ރަޖިސްޓަރ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.