ޚަބަރު

އަމާން މުޖުތަމައެއް ގާއިމް ކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތް





 


ރައްޔިތުންނަށް އަމާން ރައްކާތެރި މުޖުތަމައެއް ގާއިމް ކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެތެރެއިން ވޭތުވެދިޔަ ހަފްތާގައި މާލޭގެ އެކި ސަރަހައްދުތައް ތިންހާހަށް ވުރެ ގިނަ ފަހަރު ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.


 
މާލޭގައި އަމާން މާހައުލެއް ގާއިމްކޮށް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޖިނާއީ ކުށްތަކަށް މަގުފައިވާ ތަންތަން ތިންހާސް އެއްސަތޭކަ ތިން ފަހަރު ބަލައި ފާސްކޮށްފައިވާކަމަށް އެފަރާތުން މައުލޫމާތުދެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެސަރަހައްދުތަކުން ފައްސަތޭކަ މީހަކު ބަލައި ފާސްކުރެވިފައިވާއިރު، އެއްހާސް ހަތްސަތޭކަ އެކާވީސް މީހަކަށްވަނީ ނަސޭހަތްދީފައެވެ.


 
މަގުމަތީގެ ރައްކާތެރިކަން ޤާއިމުކޮށް، މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ އެކި ހިސާބުތަކުގައި ޓްރެފިކް ޗެކް ޕޮއިންޓްތައް ޤާއިމްކޮށް، މާލޭގައި ދުއްވާ އިންޖީނުލީ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެއްގޮތަށް ހުރި އުޅަނދުތަކެއްތޯ ބެލުމަށް ޚާއްސަ އަހައްމިޔަތުކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މިގޮތުން ދެހާސް ނުވަސަތޭކަ ތިން އުޅަނދެއް ހުއްޓުވައި ބަލާ ފާސްކޮށްފައިވާކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.


 
ރޭގަނޑާ ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައްމަތީގައި ކަމެއްނެތި އުޅޭ ފަރާތްތަކާއި ސުވާލުކޮށް ބަލައި ފާސްކުރަންޖެހޭ ތަންތަނާއި ވެހިކަލްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.


 
 


މި މަސައްކަތަކީ ފުލުހުންގެ މި އަހަރުގެ ބިޒްނަސް ޕްލޭންގައިވާގޮތުގެ މަތިން ކުށްމަދުކުރުމާއި، ކުށް ހިނގިޔަ ނުދިނުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކުރާ މަސައްކަތްތަކެކެވެ.