ޚަބަރު

ބްރިޖުގެ ބަސްދަތުރުތަކަށް ޑްރައިވަރުން ހޯދަނީ


ސިނަމާލެ ބްރިޖުގެ ބަސްދަތުރުތަކަށް ޑްރައިވަރުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ. އެމްޕީއެލުން ބުނީ އަންނަމަހު ސިނަމާލެ ބްރިޖު ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ބްރިޖުން ދަތުރުކުރާ ބަސްތަށް ދުއްވުމަށް 45 ޑުރައިވަރުން ހޯދަން މިހާރު އެކުންފުނިން އިޢުލާންކޮށްފައިވާކަމަށެވެ.

ބަސްދަތުރުތަކުގެ ޑްރައިވަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮތީ ހަމައެކަނި ބަސްދުއްވުމުގެ ލައިސަންސް އޮން މީހުންނަށް އެކަނި ނޫންކަމަށާއި، ކާރާއި ވޭން ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށްވެސް ކުރިމަތި ލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޕީއެލުން ބުނީ މަޤާމަށް ހޮވޭ ފަރާތްތަކަށް ބަސްދަތުރުތައް ފެށުމުގެ ކުރިން އެކަމަށް ޚާއްޞަ ތަމްރީނުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ބަސް ޑްރައިވަރުންގެ އިތުރުން އެ ޚިދުމަތަށް ބޭނުންވާ އެހެނިހެން ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކާއެކު ބްރިޖުގެ ބަސްދަތުރުގެ ޚިދުމަތް ފެށުމަށް އެމް.ޕީ.އެލުން ތައްޔާރުވަމުންދާއިރު، މި ޚިދުމަތައް ބޭނުންވާ 22 ބަސް މާލެ ގެނައުމުގެ މަސައްކަތްވެސް އެކުންފުނިން މިހާރުވަނީ ފަށާފައެވެ. އެގޮތުން ޚިދުމަތުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ބަސް ދެނެގަތުމަށް ކުރި ދިރާސާއަށް ފަހު މިހާރު ދެވައްތަރެއްގެ ބަހެއް ގެނައުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އެއީ ސިޓީ ބަސް ކޯޗާއި ޑަބަލް-ޑެކަރ ބަހެވެ.
ސިޓީ ބަހަކީ ގާތްގަނޑަކަށް 50 އާއި 70 ދެމެދުގައި ޖާގައިގެ ބަސްތަކެކެވެ. އަދި ޑަބަލް-ޑެކަރ ބަސްތަކަކީ ގާތްގަނޑަކަށް 80 އާއި 100 އާއި ދެމެދުގެ ފަސިންޖަރުން އުފުލޭ ބަސްތަކެކެވެ. އެމްޕީއެލުން ބުނީ ފުރަތަމަ ޝިޕްމަންޓްގައި ނުވަ ބަސް މިމަހު ގެންނައިރު، އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް ރާއްޖެ ގެނެވޭނެ ކަމަށެވެ.

ބްރިޖް މެދުވެރިކޮށް ބަހުގެ ޚިދުމަތް ދިނުމުގައި އެމް.ޕީ.އެލްގެ މައިގަނޑު ވިސްނުމަކީ 3 ރޫޓަކުން މި ޚިދުމަތް ދިނުމެވެ. އެގޮތުން މާލެއިން ހުޅުމާލެއަށް، މާލެއިން ހުޅުލެއަށް އަދި ހުޅުމާލެއިން ހުޅުލެއަށް، މި 3 ރޫޓުގެ މައްޗަށް ބަހާލައިގެން، މި ޚިދުމަތް ދޭން ނިންމާފައިވެއެވެ. މި ޚިދުމަތް ދިނުމަށް މާލެއާއި ހުޅުމާލޭގައި ބަސް ޓާމިނަލް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މާލޭގެ ބަސް ސްޓޭޝަން އިންޑަސްޓްރިއަލް ވިލެޖްގަ ހަދާއިރު، ހުޅުމާލޭގެ ބަސް ސްޓޭޝަން ހަދަނީ ކުނިކޮށި ޞަރަޙައްދުގައިކަމަށް އެމްޕީއެލުން ބުނެއެވެ.