ޚަބަރު

އަމީނިއްޔާ ސްކޫލްގެ ތާރީޚީ ލޯގޯ މޮނިއުމަންޓަކަށް!


އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި ތާރީޚީ ލޯގޯ ނައްތާނުލާނެކަމަށާއި، އެ ލޯގޯ ދެން ބަހައްޓާނީ އެސްކޫލުގެ އާއިމާރާތުގައި މޮނިއުމެންޓެއްގެ ގޮތުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޝަފީޢު ވިދާޅުވީ ލޯގޯ ނެގީ ތަޅާލާފައި އެއްލާލުމަށް ނޫން ކަމަށާއި ވަރަށް އަވަހަށް އެ މޮނިއުމެންޓެއްގެ ގޮތުގައި ބަހައްޓާނެކަމަށެވެ. އެގޮތުން އެސްކޫލްގެ އާއިމާރާތުގެ ބޭރަށްވާގޮތަށް އެންމެނަށް ފެންނާނެ ފަދަގޮތަކަށް އެ ލޯގޯ ބަހައްޓާނެކަމަށެވެ. އަދި އަމީނިއްޔާގެ ދުވަސްވީ އިމާރާތް ތަޅާލުމުގެ ކުރިންވެސް އެ ލޯގޯ ނެގުމަށްފަހު ރަނގަޅު ޞަރަޙައްދެއްގައި ބެހެއްޓުމަށް އެ މިނިސްޓްރީން ނިންމަވާފައިވާކަމަށް ސްޓޭޓް މިނިސްޓަރު އަޙުމަދު ޝަފީޢު ވިދާޅުވިއެވެ.

އަމީނިއްޔާގައި ބަހައްޓާފައި ހުރި މޮނިއުމެންޓަކީ އެ ސްކޫލްގެ ލޯގޯއާއި ސްކޫލްގެ މޮޓޯ ހިމަނައިގެން ސިމެންތިން ހަދާފައިވާ ބޮޑު މޮނިއުމެންޓެކެވެ. އެއީ އެންމެ ކުރީއްސުރެވެސް އެ ސްކޫލްގައި ހުރި މޮނިއުމެންޓެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމީނިއްޔާ ސްކޫލްގެ ބާ އިމާރާތް ތަޅާލާ އެ ބިމަކީ ދަރިވަރުންނަށް ބޭނުން ހިފޭނެ ފަދަ ތަނަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށެވެ. މިގޮތުން މިހާރުވެސް އެ ޢިމާރާތް ހުރި ސަރަޙައްދު ތަޅާލާ އެތަނުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަމީނިއްޔާ ސްކޫލްގެ ބާ އިމާރާތް ތަޅާލާ ސަރުކާރުން މިހާރުވަނީ 8 ފަންގިފިލާގެ ޢިމާރާތެއް އަޅާ ކިޔަވައިދޭން ފަށާފައެވެ. އަމީނިއްޔާ ސްކޫލުގެ އާ ޢިމާރާތަކީ 8 ބުރިއަށް ޢިމާރާތްކޮށްފައިވާ 53 ކްލާސްރޫމުގެ މައްޗަށް އެކުލެވޭ ޢިމާރާތެކެވެ.
މިއީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 123 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ޢިމާރާތެކެވެ.

އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އަންހެންކުދިންގެ ސްކޫލެއްގެ ގޮތުގައި ވަރަށް ގިނަދުވަސްތަކެއް ވަންދެން ހިނގަމުންއައި ސްކޫލެކެވެ. 1944 ވަނަ އަހަރު ތަޢުލީމު އުގަންނައިދޭން ފެށި މިސްކޫލަކީ ރާއްޖޭގެ އެންމެ ގިނަދުވަސްވީ އެއްސްކޫލެވެ. އެހެންނަމަވެސް 2010 ވަނަ އަހަރުންފެށިގެން އެސްކޫލަކީ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން ވެސް ކިޔަވާ ސްކޫލެއްގެގޮތުގައި ސަރުކާރުންވަނީ ހަމަޖައްސާފައެވެ.