ޚަބަރު

ރައީސް ޔާމީންގެ ވަރުގަދަ ރައްދެއް އިދިކޮޅު ކެންޑިޑޭޓަށް!


އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށް ޖަވާބުދަރީވާންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގިނަ ސުވާލުތަކެއް އިދިކޮޅު ކެނޑިޑޭޓާ ކުރިމަތި ކުރައްވަފިއެވެ. ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން ހާމަކުރަމުންދާ ސިޔާސަތުތަކަށް ވަރުގަދަ ރައްދެއް ދެއްވާ ވާހަކަފުޅު ދައްކަވާފައެެވެ.

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ރަނިންގމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރިޔާސީ ޓިކެޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ރައްޔިތުން ޖަވާބު ބޭނުންވާ ކަންކަން އެބަހުރިކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވާ ވާހަކަފުޅު ދައްކަވާފައެވެ. އިދިކޮޅު ފަރާތްތަކުން ދައުލަތުގެ ހަރުމުދާ ނުވިއްކާނެކަމުގެ ވާހަކަ މިހާތަނަށް ވިދާޅުވެފައިނުވާކަމަށާއި، އެކަމަށް އިދިކޮޅު ފަރާތްތަކުން ޖަވާބުދާރީވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ މިއަދުގެ ތަރައްޤީގެ އަޞްލަކީ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތައްކަމަށާއި، އެތަރައްޤީ ގެނެވެނީ އެކުންފުނިތައް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލްކަން ހޯދިފައި ހުރުމުންކަމަށް ވިދާޅުވިއެވެ. އެހެންނޫންނަމަ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަން ރައީސްގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ.

ދިވެހިންގެ ހަރުމުދާ ހުންނާނީ ދިވެހިންގެ އެއްޗެއްގެ ގޮތުގައިކަން އިދިކޮޅު މެނިފެސްޓޯގައި ބަޔާންކޮށްފައިނުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ބައިނަލްއަޤުވާމީ މައި ވައިގެ ބަނދަރު ކުޑައަގެއްގައި ވިއްކާލި ސަބަބު އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ބުނެދޭންޖެހޭކަމަށެވެ. އެ ކަންކަމަށް ޖަވާބުދާރީ ވާންޖެހޭ ސަބަބު ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، އެ ސުވާލުތަކަށް ޖަވާބުދާރީވަންޖެހެނީ މިހާތަނަށް އެމްޑީޕީ ހިންގުމާއި ޤައުމީ މަޖިލީހަށް ބަދަލުއައިސްފައި ނުވާތީކަމަށާއި، އެޕާޓިގެ ފަލްސަފާއާއި މެނިފެސްޓޯއަށްވެސް ބަދަލުތަކެއް އައިސްފައިނުވާތީކަމަށެވެ.

އިސްލާމީ އުޞޫލްތައް ވަރުގަދަކަމާއި ސާބިތުކަމާއެކު ހިންގޭނީ ކިހާވަރަކަށްކަން ރައްޔިތުންނަށް އެމްޑީޕީން ބުނެދޭންޖެހޭކަމަށާއި، އިސްލާމީ އުޞޫލްތައް ހިފަހައްޓާ، މަރުގެ ހުކުމާއި ގިޞާސް ހިފާނެކަންވެސް ބުނެދޭން ޖެހޭކަމަށެވެ. މިއީ ރައްޔިތުން އުފައްދާ ސުވާލުތަކެއްކަމަށާާއި މިއީ ޖަވާބުދާރީވާންޖެހޭ ސުވާލުތަކެއްކަން ފާހަގަކުރެއްވިއެވެ.

"އެހެންވެ މިޖަވާބުތައް އަޅުގަނޑުމެން ރައްޔިތުން ވޯޓާ ހަމައަށްދާއިރު ބޭޏުންވޭ. އަދި ރާއްޖޭގައި ކޮރަޕްޝަން އެއިރު ހިންގާފައިވާ މިންވަރާއި އެމައްސަލަތައް ނުބެލުނު މިންވަރު ބުނެދޭންޖެހޭ.އަދި އެބޭފުޅުންގެ ނުފޫޒްއޮވެގެން މިއަހަރުގެ ފެބުރުއަރީ އެއްވަނަ ދުވަހު ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރު ނެރުމަށް އަދުންއިންސާފުގެ ތެރެއަށް އަތްބޭނީ ކީއްވެގެންކަން ޖަވާބުދާރީވާންޖެހޭ. އަޅުގަނޑުމެން އެއްވެސް ސިޔާސީ ލީޑަރަކު އަދުލް އިންސާފުގެ ތެރެއަށް އަތްބާނާކަށް ބޭނުންމެއް ނުވޭ." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ޞަރަޙައްދަކަށް ތަރައްޤީ ގެންދާނެކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވަމުން ރައީސް ޔާމީންވަނީ ރާއްޖޭގައި ޞިއްޙީ ފަރުވާދޭ ހޮސްޕިޓަލްތައް އުވާލާ ޤައުމުގެ ހަރުމުދާ ވިއްކާލީ ކީއްވެގެންތޯ ސުވަލުކުރައްވާފައެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު އެމްޑީޕީގެ ވެރިކަމުގައި އެމީހުންގެ އަތުގައި ބާރު އޮއްވައި އެ މުސާރަތައް ބޮޑު ނުކުރީ ކީއްވެތޯ ސުވާލުކުރެއްވިއެވެ. އޭގެ ބަދަލުގައި ފެނުނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި ސިވިލްސަރވިސް މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ހަނިކުރަން ވަކާލާތުކުރިތަންކަމަށާއި، އެމައްސަލަ ހުއްޓުވީ ކޯޓަށް ގޮސްގެންކަމަށް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭކަން ފާހަގަލުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރީ މިސަރުކާރުން ކަމަށެ


"ރާއްޖޭގެ އެސެޓްތައ ްވިއްކުމުން ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަންޖެހުނީ ކީއްވެކަން ވިދާޅުވާންޖެހޭ. އެފަދަ ޖަވާބުތައް ލިބެންޖެހޭކަމަށާއި، ނޫނީ އިޤްތިޞާދު ތަރައްޤީކުރެވޭނެ ގޮތެއް ނެތްކަމަށް. އިޤްތިޞާދު ތަރައްޤީނުކޮށް ކިހިނެއްތޯ ޒުވާނުންނަށް ވަޒީފާދޭނީ؟" އިޤްތިޞާދު ކޮޅާށްޖަހާ އިޤްތިޞާދު ވަރުގަދަކުރުމަށް ހިއްސާ ބޭނުންވާއިރު ތަރައްީގެ މަޝްރޫޢުތަކަށް ބަޖެޓަށް ވޯޓު ނުދިނީ ކީއްވެކަން ބުނެދޭންޖެހޭ." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީން މިފަހަރު ވެރިކަމަށް އަންނަންޖެހޭނީ ހަމައެކަނި އެމްޑީޕީގެ މީހުންނަށް ވެރިކަންކޮށްދޭން ނޫންކަމަށާއި، އެހެންކަމުން އެންމެ ފުރަތަމަ އިދިކޮޅު ފަރާތައް ޠާހިރުވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް މަޢާފް އެދެންޖެހޭކަމެއްވާނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ރައީސް އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވިއެވެ. އިދިކޮޅު ފަރާތްތަކުން ވެރިކަން ކުރަންއުޅެނީ ދައުލަތެއްގައިތޯ ސުވާލުއުފައްދާ ވާހަކަފުޅު ދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، ދައުލަތެއްގައިނަމަ އިޤްތިޞާދު ބިނާކޮށް މުއައްސަސާތައް ހަރުދަނާކުރަންޖެހޭކަމަށެވެ. މިފަދަ ވާހަކަތައް އިދިކޮޅުން ނުފެންނަކަމަށާއި، އެމީހުންގެ ފަލްސަފާއަށް ބަދަލު ނާންކަމަށްވާނަމަ ރައްޔިތުންނަށް ޖަވާބުދީ ހަރުމުދާ ވިއްކާނުލާނެކަން ކަށަވަރުކަންދޭންޖެހޭކަމަށެވެ. މިއީ ރައްޔިތުންގެ ހައްޤުކަމަށާއި، އެތަކެތި ވިއްކުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް ރައީސް ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

އެހެންކަމުން ސެޕްޓެމްބަރު މަހު އޮންނަ އިންތިޚާބަކީ ރައީސް ޔާމީނާއި، އިބްރާހީމް މުޙައްމަދު ޞާލިހާ ދެމެދު އޮންނަ އިންތިޚާބެއް ނޫންކަމަށާއި، އެއީ ރާއްޖޭގެ މިޞްރާބާއި ރާސްތާއާއި ޤައުމުގެ ހުރިހާ ބަހާތަކާއި، ދިވެހި ސިފަތަކާއި އިސްލާމްދީނާއި، ބަސްބުނުގެ ޙައްޤު އޮތުމާމެދު ނެގޭ ވޯޓެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ޤައުމިއްޔަތެއްގެ ހުރިހާ ސިފަތަކާއި ދައުލަތަކަށް ބޭނުންވާ ހުރިހާ ސިފަތަކަށް އދިކޮޅު ޕާޓިން ޚިޔާނާތްތެރިވެފައިވާކަމަށް ރައީސުޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވާހަކަފުޅުގައު ވަނީ ފާހަގަކުރައްވާފައެވެ.