ޚަބަރު

މި ސަރުކާރުން ވޯޓު އޮޅުވައެއް ނުލާނެ، އިންތިޚާބު ކާމިޔާބު ކުރާނީ އެއްލަކިން - މިނިސްޓަރ ޠާރިޤް


ވޯޓު އޮޅުވާލުމަކީ ރައީސް ޔާމީންގެ ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށާއި، ރިޔާސީ އިންތިޚާބު ރައީސް ޔާމީން އެއްލަކިން ކާމިިޔާބު ކުރައްވާނެކަމަށް މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ސަރުކާރުން އޮޅުވާލާނެކަމަށް ބުނެ، ރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ފޮރިންގ ރިލޭޝަންސް ކޮމެޓީގެ ޗެއަރ ޢަބްދުﷲ ޝާހިދު، ދެއްކެވި ވާހަކައަށް ރައްދުދެއްވާ މިނިސްޓަރ ތާރިޤް ވިދާޅުވީ މިސަރުކާރުން ވޯޓު އޮޅުވާނުލާނެ ކަމަށާއި ދިވެހި ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކުކަމަށެވެ. އަދި އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްލަކިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރޭ ތުޅާދޫ ގައި ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކުންވަނީ ސަރުކާރުން ވޯޓު އޮޅުވާލާނެކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފައެވެ. ނަމަވެސް މިއީ ކޮންމެ އިންތިޚާބާކާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިން އިންތިޚާބާއި ދިމާކޮށްވެސް އިންތިޚާބު އޮޅުވާލާ ވޯޓުން މަކަރު ހަދާނެކަމަށް ތުހުމަތު ކުރިއެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމުން އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގެންފައެވެ. އަދި އިންތިޚާބުގެ ކަންކަން ދިޔަގޮތާއިމެދު ހިތްހަމަޖެހޭކަން ހާމަކުރިއެވެ.