ޚަބަރު

8 މަސް ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރުމުން އަހަދް ތަމީމީ މިނިވަންކޮށްފި


ފަލަސްތީނުގެ ސޯޅަ އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ އަހަދް ތަމީމީގެ މައްޗަށް އިސްރާއީލުގެ ކޯޓަކުން ކުރި އަށް މަސް ދުވަހުގެ ޖަލުހުކުމްގެ މުއްދަތު ހަމަވުމުން އޭނާ މިނިވަންކޮށްފިއެވެ.

އިސްރާއީލުން އަހަދް ތަމީމީ ހައްޔަރުކުރީ، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން އޭނާގެ ގެއަށް ގަދަބާރުން ވަދެގަނެ، އޭނާއަށާއި އޭނާގެ އާއިލާއަށް ގޯނާކުރަން ފެށުމުން، އަމިއްލަ ނަފްސުގެ ދިފާޢުގައި އިސްރާއީލުގެ ސިފައިންގެ މީހެއްގެ މޫނުމަތީގައި ޖެހުމާގުޅިގެންނެވެ. މިއީ އިސްރާއީލު ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމުގެ ޢަމަލެއްކަމަށް ނިންމައި، އަށާރަ އަހަރުވެސް ނުފުރޭ، އަހަދް ތަމީމީ، އަށް މަސް ދުވަހަށް ޖަލަށްލުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމްކުރިއެވެ.

ތަމީމީގެ މައްޗަށް މިހުކުމް އައިއިރު އޭނާގެ މަންމަ ނަރީމާން ވަނީ އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންގެ މީހަކު ފަލަސްތީނުގެ ކުޑަކުއްޖަކަށް ހަމަލާދީ އަނިޔާކުރާ މަންޒަރު ވީޑިއޯކޮށް، ޢާއްމުކޮށްފައެވެ. މި ވީޑިޔޯ ނަގައި ޢާއްމުކުރުމުގެ ސަބަބުން ތަމީމީގެ މަންމަ ނަރީމާންގެ މައްޗަށްވެސް އިސްރާއީލުގެ ކޯޓުން އަށް މަސް ދުވަހުގެ ހުކުމެއްކުރިއެވެ. އެހެންނަމަވެސް ވީޑިއޯގައި ފެންނަ ފަލަސްތީނުގެ ކުޑަކުއްޖާއަށް ހަމަލާދީ އަނިޔާކުރި އިސްރާއީލުގެ ސިފައިންގެ މީހާގެ މައްސަލަ ތަޙުޤީޤުކުރުމަށާއި ކޯޓަށް ފޮނުވުމަށްވެސް އިސްރާއީލުގެ ސަރުކާރުން ވަނީ ދެކޮޅުހަދާފައެވެ.