ޚަބަރު

ރީ-ރަޖިސްޓްރީކުރުމަށް މިހާތަނަށް 12 ހާހަށްވުރެ ގިނަ ފޯމު ހުށައަޅައިފި


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކާ ރީ-ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 12 ހާހަށްވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް، ރީ-ރަޖިސްޓަރ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން، އާއްމުންގެ ފަރާތުން އެކަމަށް ވަރަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށެވެ. އެގޮތުން ރީ-ރަޖިސްޓަރވުމަށް އެދި އިއްޔެގެ ނިޔަލަށް ބާރަ ހާސް އަށް ސަތޭކަ ސާޅިސް އަށް ފޯމް އެކޮމިޝަނަށް ލިބިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަން މަރުހަލާގެ ތެރެއިން ބައެއް ފަރާތްތަކުން ސައްޙަނޫން ގޮތްގޮތުން ފޯމްތައް ހުށައަޅާތީ، ޢާއްމުންގެ ފަރާތުން ބައެއް ކަންބޮޑުވުންތަކާއި ޝަކުވާތައް އެކޮމިޝަނަށް ލިބެމުންދާކަމަށެވެ. އަދި ސައްޙަ މަޢުލޫމާތުތައް ހިމެނޭ ފޯމުތައް ފިޔަވާ އިތުރު ފޯމްތައް އެކޮމިޝަނަށް ބަލައި ނުގަންނާނެކަމަށާއި، އެކަމަށް ޙާއްސަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިކަންކަމުގައި ޢާއްމުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެއުމަށްޓަކާ ކޮމިޝަންގެ ތެރޭގައި މަޝްވަރާތައް ކުރަމުންދާކަމަށާއި، މާދަމާއިން ފެށިގެން ފޯމް ބަލައިގަތުމުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާވެގެންދާނެކަމަށް ޝަރީފު ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބަށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުޞަތު އަންނަ އޯގަސްޓްމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، ފޯމާއެކު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހޭނެއެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 03:00 އަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.