ޚަބަރު

ޕްރީސްކޫލް ޓީޗަރުން އާ މަންހަޖައް އަހުލުވެރިކުރުވުމަށް ސެމިނަރއެއް ފަށައިފި


ޕްރީސްކޫލް ޓީޗަރުން އާ މަންހަޖައް އަހުލުވެރިކުރުވުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ސެމިނަރއެއް ފަށައިފިއެވެ. މި ސެމިނަރގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކާއި، ކަމާއި ގުޅޭ ދާއިރާތަކުގެ ޓީޗަރުން ބައިވެރިވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީންވަނީ ފަށާ ތަޢުލީމާއި ރަސްމީ ތަޢުލީމުގެ އޮނިގަނޑުގައި ހިމަނައި ކިޔަވައިދޭން ފަށާފައެވެ. އެގޮތުން މި ފެށި "ޓްރެއިނިންގ އޮފް ޓްރެއިނަރސް" ސެމިނަރއަކީ، އާ ތަޢުލީމީ އޮނިގަނޑަށް ޕްރީސްކޫލް ޓީޗަރުން އަހުލުވެރިކޮށް، ސެމިނަރއިން ތަމްރީނުވާ ބައިވެރިން މެދިވެރިކޮށް، މާލެއާއި އަތޮޅުތަކުގެ ޓީޗަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ސެމިނަރއެކެވެ. މި ސެމިނަރގައި ލީޑީންގ ޓީޗަރުންނާއި، ކޮލެޖް ޔުނިވަރސިޓީތަކުގެ ލެކްޗަރައިންނާއިއެކު 45 ބޭފުޅުން ބައިވެރިވިއެވެ.

ސެމިނަރ ރަސްމީކޮށް ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢުއެވެ. ސެމިނަރގެ ބައިވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަފީޢު ވިދާޅުވީ ޕްރީސްކޫލް ނުވަތަ ފައުންޑޭޝަން ސްޓޭޖަކީ ކުއްޖާ މަތީ ގްރޭޑުތަކަށް ތައްޔާރުކުރުމަށް އަޅާ އެންމެ މުހިންމު، އެންމެ ފުރަތަމަ ފިޔަވަޅުކަމަށެވެ. އެގޮތުން ޕްރީސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ޙާސިލުވި މިންވަރާއި، އަދި އިތުރަށް އެކުދިން ޙާސިލުކުރަންޖެހޭ މިންވަރު ދެނެގަނެވުމުން ކުއްޖާއަށް އިތުރަށް އެހީ ބޭނުންވާ ދާއިރާތައް ދެނެގަނެ ކުއްޖާއަށް އެހީތެރިވުމަށް ފަސޭހަވަގެންދާ ކަމެއްކަމަށް ޝަފީޢު ވިދާޅުވިއެވެ. އަދި ކޮންމެ ކުއްޖެއްގެވެސް ސިކުނޑި ތަރައްޤީވާނީ އެކި މިންވަރަށް ކަމުން ކްލާހުގައި ކިޔަވައިދޭ ފިލާވަޅު އެކި ކުދިންގެ ސިނކުޑިއަށް ނަގައިގަނެވޭ މިންވަރު ތަފާތުވާނެކަން ދެނެގަނެ، އެކަމަށް ސަމާލުވެ ފިލާވަޅުތައް ނަގައިދިނުމަށް ޝަފީއު މުދައްރިސުންނަސް އިލްތިމާސްކުރެއްވިއެވެ.

" ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއް. އެކި ކުދިންނަށް ސިކުނޑިއަށް ކިޔަވައިދޭ ފިލާވަޅު ނަގައިގަނެވޭނީ އެކިވަަރަށް. އެހެންކަމުން ކިޔަވައިދިނުމުގައި ކުދިންގެ ތަފާޓު ދެނެގަންނަން ޖެހޭ. ޓީޗަރުން އަބަދުވެސް މަސައްކަތް ކުރަންވާނީ ކުދިން އިތުރު ލެވެލްއަކަށް ގެންދިއުމަށް މަސައްކަތްކުރުމަށް" އެޑިއުކޭޝަން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

ސެމިނަރއާ ގުޅޭ ގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ، އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ ޝިޔާމާ އަބޫބަކުރު ވިދާޅުވީ، މި ސެމިނަރއިން ތަމްރީނުވާ ބައިވެރިންގެ އެހީތެރިކަމާއެކު މާލެއާއި އަތޮޅުތަކުގެ ޕްރީސްކޫލް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް އެންއައިއީން ކުރިޔަށްގެންދާނެކަމަށެވެ. އަދި މި ސެމިނަރގެ ތެރެއިން މަންހަޖުގެ ތަޞައްވުރާއި، ކުދިންގެ ފެންވަރު ވަޒަންކުރުމާއި، ލެސަން ޕްލޭން ނުވަތަ ފިލާވަޅު ތައްޔާރު ކުރާނެގޮތްތައް ކިޔައިދޭނެކަމަށް ޝިޔާމާ ވިދާޅުވިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި ކުރިއަށްގެންދާ މި ސެމިނަރއަކީ 5ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ސެމިނަރއެކެވެ. މިސެމިނަރގައި ކިޔަވައިދެއްވަނީ ނެޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަންގެ ފަންނީ ބޭފުޅުންނެވެ.