ޚަބަރު

އައިއައިޓީއެމް ބެންގަލޫރު އެޑިޝަންގައި ރާއްޖެ އިސްތިހާރުކުރަނީ


އިންޑިއާ އިންޓަނޭޝަނަލް ޓްރެވެލް މާރޓް (އައިއައިޓީއެމް) ގެ ބެންގަލޫރު އެޑިޝަންގައި ރާއްޖެއިން ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ. މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 10 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ މި ފެއަރގައި ފެއަރގައި ރާއްޖެ ޕްރޮމޯޓްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މަޓާޓޯއިންނެވެ.

މިމަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ފެއަރ އަކީ އިންޑިއާގައި ބާއްވާ ޓްރެވެލް އެންޑް ޓޫރިޒަމްގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1998 ވަނަ އަހަރުއެވެ. މިއީ ކޮންމެ އަހަރަކުވެސް އިންޑިއާގެ އެކި ސިޓީތަކުގައި ބާއްވާ އިވެންޓެކެވެ. އެގޮތުން މި އިވެންޓް އިންޑިއާގެ ބެންގަލޫރު، ޗެންނާއީ، ކޮޗިން، ދިއްލީ، ގުރްގައޮން، ހައިދަރުއާބާދު، މުންބާއީގެ އިތުރުން ޕޫނޭ ގައި އަންނަނީ ބާއްވަމުންނެވެ.

މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ޕްރޮމޯޓްކުރެއެވެ. އެގޮތުން އެއަރލައިންތަކާއި، ކުރޫޒް ލައިންތަކާއި، ޓްރެވެލް އެޖެންޓްތަކާއި ޓުއަރ އޮޕަރޭޓަރުންގެ އިތުރުން ހޮޓެލް އަދި ރިސޯޓްތައްވެސް ޕްރޮމޯޓްކުރެއެވެ.

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު ވަނީ 9.5 އިންސައްތަ އިތުރުވެފައެވެ.