ޚަބަރު

ޗައިނާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އެޤައުމުގެ ޕީއާރް ކޯޕަރޭޝަންތަކުގެ އެހީ ހޯދަނީ


ރާއްޖެ އިޝްތިހާރުކުރުމަށްޓަކާ ޗައިނާއިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނެފިއެވެ.
އެމްއެމްޕީއާރުސީން ބުނީ ޗައިނާގެ މަކާއޯއާއި ތަވާނުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެއްއަހަރުގެ ކޮންޓްރެކްޓް އެގްރީމެންޓެއްގެ ދަށުން ޗައިނާގެ ޕީއާރު ކޯޕަރޭޝަންތަކެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ރާއްޖެއިން ދަނީ ބައިނަލްއަޤުވާމީ ފެންވަރެއްގައި މެގަ ކެންޕެއިންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެކި ޤައުމުތަކުގައި ހުންނަ ރާއްޖޭގެ ފޮރިން އޮފީސްތަކާ އެމްބަސީތައް މެދުވެރިކޮށްވެސް މި މަސައްކަތް ކުރިޔަށްގެންދާއިރު، ޓޫރިޒަމް މިނިސްޓްރީން ވަނީ އެންމެ އެކަށީގެންވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބޭރުގެ ހަތަރު ޑިޕްލޮމެޓިކް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނެއްވެސް ކަނޑައަޅާފައެވެ. މީގެ އިތުރަށް ޑިޖިޓަލް އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ކުރިޔަށް ގެންދަމުންދެއެވެ.

ޗައިނާގެ ކޯޕަރޭޝަންތަކެއް ރާއްޖެ އިޝްތިހާރުކުރުމަށް ކަނޑައެޅުމަށް މަސައްކަތްކުރަމުންދާއިރު، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއް ޤައުމުއެވެ. މިގޮތުން މިއަހަރު މިހާތަނަށްވެސް ޗައިނާއިން ރާއްޖެއަށް 127 ހާހަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.