ޚަބަރު

ފިކުރު ތަފާތުވިޔަސް ރައީސް ޔާމީންގެ ފަހަތަށް އަރާ، މިއީ ޤައުމީ މަސައްކަތެއް - ޑރ. ޝަހީމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އިދިކޮޅު ފަރާތެއް ނެތް ކަމަށާއި، ފިކުރު ތަފާތު ޕާޓީ ތަކުންވެސް އެމަނިކުފާނުގެ ފަހަތަށް އެރުމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންގ މޭޓު ޑރ. ޝަހީމް މިކަމަށް ގޮވާލެއްވީ ރިޔާސީ އިންތިޙާބަށް ތާއީދު ހޯދުމަށް ހުވަދު އަތޮޅު އުތުރުބުރީގެ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

"އާދެ އުފަލާ އެކު ދަންނަވާލަން ޖެހެނީ، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކެއް މިހާރަކު ނެތޭ. އަޅުގަނޑުމެން މިކުރަނީ ޤައުމީ މަސައްކަތްތަކެއް. މިއީ ސުލްހަވެރި މަސައްކަތެއް. ކުރަމުން މިދަނީ ޤައުމު ބިނާ ކުރުމުގެ މަސައްކަތްތަކެއް. މިއީ ރައްޔިތުންނަށްޓަކާ ކުރާ މަސައްކަތްތަކެއް" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ، ގއ. އަތޮޅަށް ކުރެއްވި ދަތުރުގައި ސަރުކާރާއި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކާއި، ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތަކާވެސް ބައްދަލު ކުރެއްވި ކަމަށާއި، އެގޮތުން އެކިކަހަލަ ފިކުރުތަކުގެ މީހުންގެ ގޭގެއާއި އެފަރާތްތަކުގެ ޖަގަހަ ތަކަށް ވަޑައިގެން އެ މީހުންގެ ޚިޔާލު ހުރި ގޮތް އޮޅުން ފިލުއްވި ކަމަށެވެ.

"މިކުރަނީ ސިޔާސީ މަސައްކަތްކަތެއް ނޫން. މިއީ ޤައުމީ މަސައްކަތެއް މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާން ޖެހޭ. އެހެންވީމާ ހުރިހާ ޕާޓީތަކާއި ތަފާތު ފިކުރުތަކުގެ މީހުން ރައިސް ޔާމީންގެ ފަހަތްޕުޅަށް އަރާ. ޤައުމު ބިނާ ކުރުމުގެ މަސައްކަތުގައި ބައިވެރިވާންވީ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިނަކީ "ޕޮޒިޓިވް" ކެމްޕެއިނެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ތާއިދު ހޯއްދެވުމަށް ކުރާ މަސައްކަތުގައި އެހެން ފިކުރުތަކުގެ މީހުންނާއި ސިޔާސީ ޕާޓީތަކަށް އެއްޗެހި ގޮވާ ހަމަނުޖެހުން އުފައްދަމުން ނުދާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ގއ. އަތޮޅުގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް ޢަބްދުﷲ ޔާމީން ހޯއްދަވާނެ ކަމަށާއި، އޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުން ވެސް ރައީސް ޔާމީނަށް ތަނަވަސް އަޣުލަބިއްޔަތެއް ލިބޭނެކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް އިންތިޙާބު ބޮޑު އިންސައްތައިން ރައީސް ޔާމީން ކާމިޔާބުކުރައްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިންތިޙާބީ ބައިވެރިޔާ ޑރ. ޝަހީމް ހުވަދު އަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެއަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ދޮރުން ދޮރަށް ޒިޔާރަތްކުރައްވާ އެރަށްރަށުގެ ރައްޔިތުންގެ ހާލު ގާތުން ބައްލަވާފައެވެ. އަދި މުޅި އަތޮޅުންވެސް ވަނީ އެމަނިކުފާނަށް ވަރަށް ޚޫނު މަރުޙަބާއެއް ދަންނަވާފައެވެ.