ޚަބަރު

އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކޮށްފި


އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފިއެވެ.

މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަކީ އިންސާފުވެރި ތަނެއް ނޫންކަމަށާއި އިލެކްޝަންސް ކޮމިޝަން ބަދަލު ކޮށްފައި ނޫނީ އިންތިޚާބުގައި ވާދަ ނުކުރާނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ ފާޑުކިއުމަށްފަހު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހްގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް އަދި ފޯމު ހުށައެޅުއްވާފައިވާ ހަމައެކަނި ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމްގެ ފޯމް ބަލައިގަނެ ކެނޑިޑެންސީ ޤަބޫލުކުރިކަން އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ ބުނެފައެެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޕީ.ޕީ.އެމްއާ، އެމް.ޑީޕީ ގެ އިތުރުން ހަތް ފަރާތަކުން ރިޔާސީ އިންތީޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ގެންގޮސްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބު 2018 ގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކޮށްފައެވެ.