ކުޅިވަރު

އެތްލެޓިކްސް މީޓްގެ އެންމެ ހިތްވަރުގަދަ އެތްލީޓަކީ ހުސެއިން!


މިދިޔަ ބުރާސްފަތި ދުވަހު ފުވައްމުލަކުގައި ނިމުނު 21 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި 25 ސްކޫލަކުން 400 އަށްވުރެ ގިނަ ދަރުވަރުން ވާދަކޮށް، ކުރިއެރުންތައް ހޯދިއެވެ. ގިނަ އެތްލީޓުންތަކެއް އެނބުރި ދިޔައީ މެޑަލް ހިފައިގެންނެވެ. ނަމަވެސް މެޑަލް ނުލިބުނަސް ކާމިޔާބު ހިތްވަރުގަދަ އެތްލީޓުންތަކެއްވެސް ފާހަގަކުރެވުނެވެ.

މުޅި އެތްލެޓިކްސް މީޓަށް ބަލާއިރު އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ހިތްވަރުގަދަ، އަޒުމު ވަރުގަދަ އެތްލީޓަކަށް ފާހަގަކުރެވުނީ ލ.މާމެންދޫ ސްކޫލްގެ ހުސެއިން ނަޒްމީންއެވެ. 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރި ހުސެއިންއަކީ އެހެން ކުދިންނާ ޚިލާފަށް ހެދި ބޮޑުވުމުގެ މައްސަލަ ހުރި އިސްކޮޅުން ކުރު ދަރިވަރެކެވެ. ހުސެއިންގެ ތަފާތަކީ އެހެން ކުދިންނާ ވާދަކުރަން އޭނާ އިސްނެގި ނެގުމެވެ. ރަށުގައި ޕްރެކްޓިސްއަށް ހުޅުވާލުމުން ސެލެކްޝަންގައި ބައިވެރިވެ، ކުރި މަސައްކަތެވެ. އޭނާއަށް އެކަން ވާނެކަން ސާބިތުކޮށްދިނުމަށް ހިތްވަރާއެކު ކުރި މަސައްކަތެވެ. އޭނާ ޓީމަށް ނެގުމަށް ސްކޫލަށް މަޖުބޫރުވީވެސް އެސަބަބާހުރެއެވެ. ހުސެންގެ ޝައުޤުވެރިކަމާއި، ހިތްވަރެވެ.

" ހުސެއިންއަށް ބަލާފަ އޭނާ މިކަމަށް ކުރިމަތިލާ އެހެން ކުދިން ކުރިމަތީގަ ވާދަކުރަން، އޭނާއަކީ އެކަން ކުރެވިދާނެ ކުއްޖެއްކަން ސާބިތުކޮށްދޭން އޭނާގެ އިސްނެގުން އެއީ އަޞްލު ފާހަގަކޮށްލެވުނު ކަމެއް." މާމެންދޫ ސްކޫލްގެ ދަރުވަރުން ގޮވައިގެން ފުވައްމުލަކަށްދިޔަ ޓީމްގެ ކޯޗު ބުންޏެވެ.

ހުސެއިންގެ ކޯޗު ބުނީ ހުސެއިންއަށް ޓީމުން ފުރުޞަތު ދިނީ ތައުލީމީ ނިޒާމްގައި އޮތް އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން، ފުރުޞަތު ދިނުމަށްކަމަށެވެ. އޭގެ އިތުރުން ދަރުވަރުގެ މަސައްކަތާއި، ޕާފޯމަންސަށްވެސް ބެލިކަމަށެވެ.

" އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ނިޔަތުގައި ހަމަ، މިނިސްޓަރު ވިދާޅުވެފައި އޮންނަ ފަދައިން ހުރިހާ ކުދިންނަށްވެސް ފުރުޞަތު ދިނުމުގެ ގޮތުން. އަދި ދަރިވަރުގެ މަސައްކަތާއި، ޕާފޯމަންސަށްވެސް ބަލާފަ ފުރުޞަތު ދީފައި އެވަނީ. " މާމެންދޫ ސްކޫލް ޓީމްގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ ހުސެއިންގެ ފަރާތުން ފެނުނީވެސް ހިތްވަރާއި، ޝައުޤުވެރިކަން ކަމަށާއި، ބައެއް ކުދިންނަށް ފުރުޞަތު ނުލިބޭނެ ވާހަކަ ބުނުމުން ގެއަށްގޮސް ރޮއި ހެދިކަމުގެ ޚަބަރު ލިބުނު ކަމަށެވެ. އަދި ސެލެކްޓްވި ޚަބަރާއެކު ވަރަށްބޮޑަށް އުފާވެ، ހުސެއިންއަށް ތަފާތު އިޙުޞާޞްއެއް ކުރެވުނުކަން ފާހަގަކުރެވުނު ކަމަށެވެ. ހުސެއިން ދެއްކި ހިތްވަރާއި ކުރު މުއްދަތުގެ ޕްރެކްޓިސްއަށްފަހު ނެރުނު ނަތީޖާއާމެދުވެސް މާމެންދޫ ސްކޫލުން ހިތްހަމަޖެހެއެވެ.

އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ހުސެއިން 3 އިވެންޓެއްގައި ވާދަކުރިއެވެ. އެއީ ޝޮޓް ޕުޓް، ޑިސްކް ތްރޯ، އަދި 100 މީޓަރު ރިލޭއެވެ. އޭނާ ޕްރެކްޓިސް ކުރީ 3 ހަފްތާއެވެ. ހުސެއިން ބުނީ ކުރެވުނު ޕްރެކްޓިސްއާ ބަލާއިރު ނަތީޖާއާމެދު ހިތްހަމަ ޖެހޭކަމަށާއި، ގިނަ ޕްރެކްޓިސްއާއެކު މޮޅު އެތްލީޓަކަށްވާން އުއްމީދުކުރާކަމަށެވެ.

" އަޅުގަނޑަށް ރަނގަޅަށް ޕާފޯމް ކުރެވުނު. އަޅުގަނޑު ހިތްހަމަޖެހޭ، އެކަމަކު އެހާވަރަށް ޕްރެކްޓިސް ނުކުރެވުނީމަ އެހާ ބޮޑަކަށް ކުރިއަކަށް ނާރާ. އުއްމީދަކީ މޮޅު އެތްލީޓަކަށްވުން " ހުސެއިންގެ އިވެންޓްތަކަށްފަހު ޕީއެސްއެމް ސްޕޯރޓްސް ޓީމާ ވާހަކަދައްކަމުން ހުސެއިން އޭނާގެ އުއްމީދުތައް ޙިއްޞާކުރިއެވެ.