ޚަބަރު

ބައިބައިކުރުވި ވިސްނުންތަކުން ދައުލަތަށް ލޮޅުން އެރި - ރައީސް


ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި ޤާއިމުވެފައި އޮތް ދުވަސްވީ ވެރިކަން ބަދަލުކުރަން ކުރި މަސައްކަތްތަކުން އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ދިވެހި ދައުލަތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހު ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުއްސުރެ ޤައުމުގައި އުފެއްދި ޚިޔާލުތަފާތުވުންތަކާއި، ބައިބައިކުރުވި ވިސްނުންތަކުގެ ތެރެއިން، ދައުލަތަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަމަށެވެ. އަދި އެއިރު ރާއްޖޭގައި އޮތް ދުވަސްވީ ވެރިކަން ބަދަލުކުރުމަށް ސިޔާސީ ފަރަތްތަކުންކުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ދިވެހި ދައުލަތަށްކަމަށާއި، އަދި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ރައްކާތެރިކުރުމަށް ހުރި ދައުލަތުގެ މުއައްސަސާތަކަށްކަމަށެވެ.

"މި އަމާޒުގައި ރާވައިގެން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޤާނޫނާ އެއްގޮތަށް އުޅުމަކީ މަދަނީ ޒިންމާއެއް ކަމުގައި ޒަމާނުއްސުރެ އޮތް ވިސްނުން ނެތިކޮށް، ޤާނޫނުގެ އިމުން ބޭރުން، އުޅުމަކީ މިނިވަންކަމެއްކަމުގެވިސްނުން ވަނީ ޢާންމުކޮށްފައި. ދިވެހިވަންތަ ސިފަތައް ކަމުގައިވާ އަމަންއަމާންކަމާއި ހަމަޖެހުމާއި މަޑުމައިތިރިކަން ދޫކޮށްލައި، އިޖްތިމާޢީ އިންތައް މުގުރާލާފައި. ދައުލަތުގެ ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ އަގު ރައްޔިތުންގެ ކުރިމަތީ ނައްތާލައި، ފުލުހުންނާއި ސިފައިންނާއި، ފަނޑިޔާރުންނަކީ އިޙްތިރާމެއް ނެތް ބައެއްގެ ގޮތުގައި ދައްކައިދީފައި. އަލިފާން ބޯޅަޔާއި މިރުސްފެން ބޭނުންކޮށްގެން، ސިފައިންނާއި ފުލުހުންނަށް ޙަމަލާދީ ގަޔަށް އަތްލާން ދަސްކޮށްދީފައި. ސާބިތުނުހިފޭ ވާހަކަ ފެތުރުން ޢާންމުކޮށް ފިތުނައާއި، ހަމަނުޖެހުމަށް ހިތްވަރުދީފައި. މިއީ ދުނިޔޭގެ އެއްވެސް ޙަޟާރަތެއްގައި މިނިވަންކަމެއްނޫން. އެންމެ ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް، މިހުންނަނީ ޖިނާޢީ ކުށްތައް."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެހި ޤައުމުއޮތީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައިކަމަށާއި، އިޤްތިޞާދު އޮތީ ވަޅުގަނޑެއްގެ ތެރޭގައިކަމަށެވެ. އެހާލަތުގައި ޤައުމާ ހަވާލުވެވަޑައިގެން ޤައުމު ނަގާ ކޮޅަށް ޖައްސަވާ، ބަލިކަށިވެފައިވާ އިސްލާމީ އަޤީދާ ވަރުގަދަކޮށް ބައިބައިވެފައިވާ ރައްޔިތުން އެއްބައިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

"މި ކުޑަކުޑަ ރާއްޖޭގެ ވެރިކަމާ ޙަވާލުވުމަށްފަހު، އަޅުގަނޑުގެ ޒިންމާއަކަށްވީ ޤައުމު ހަމަމަގަށް އެޅުވުން. ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި އޮތް ޤައުމު ނަގައި ކޮޅަށްޖަހައި، ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ދެވޭތޯ ދަތުރުފެށުން. ބަލިކަށިކުރުވާފައިވާ އިސްލާމީ ޢަޤީދާ ވަރުގަދަކޮށް، ބައިބައިކުރުވާފައިވާ ރައްޔިތުން އެއްބައިކުރުވުން. ރާއްޖޭގެ މިނިވަންކަން ހިފަހައްޓައި، ޤައުމުގެ އަމިއްލަވަންތަކަން ޤާއިމުކުރުން. އިޤްތިޞާދުގެ ލަގަން ޤައުމުގެ އަތްމައްޗަށް ގެނައުން."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ގިނަ ދުވަސްތަކެއް ވަންދެން ޤައުމުގައި ނުކުރެވިފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި.