ޚަބަރު

މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މާދަމާރެޔަށް ފަސްކޮށްފި


މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މާދަމާރެޔަށް ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މާދަމާރެޔަށް ފަސްކޮށްފައިވާކަމަށެވެ. ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ފަސްކުރީ މިރޭ ފުރިހަމަ ހަނދުކޭތައެއް ހިފާތީ، ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ގޮތުގެ މަތިން ކޭތަ ނަމާދުކުރުމަށާއި ދުޢާކޮށް އަޅުކަންކުރުމަށް ވަގުތު ދިނުމަށްކަމަށެވެ.

މީގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިން ބާއްވާ ޝަރަފުގެ ހިނގާލުންވެސްވަނީ ކެންސަލް ކޮށްފައެވެ. އަދި ހިންގާލުން ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ރޭ ބާއްވާފައިވާއިރު، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވާ ޚާއްޞަ ރިސެޕްޝަން މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ.