ޚަބަރު

18އަހަރުން މަތީގެ ކޮންމެ ދިވެއްސަކު ދިރިއުޅުމަށް ބިމެއް ނުވަތަ އެޕާޓްމަންޓެއް ލިބޭނެ - ރައީސް


އަށާރަ އަހަރުން މަތީގެ ކޮންމެ ދިވެއްސަކު ދިރިއުޅުމަށް ބިމެއް ނުވަތަ އެޕާޓްމަންޓެއް ދެއްވާނެކަމުގެ ޕްލޭނެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ދިވެހި ރައްޔިތުންނާމެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މި ނިމޭ ރިޔާސީ ފަސް އަހަރުގެ ދައުރުގައި ބޮޑު ކާމިޔާބީއެއް ހާސިލްކުރައްވާފައި ވީނަމަވެސް، ރައްޔިތުން ބޭނުންވާ މުހިއްމު އެއް މައްސަލަ އަދިވެސް މުޅިން ފުރިހަމަ ކުރެވިފައިނުވާކަމަށެވެ. އަދި އެއީ ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުންކަމަށާއި އެހެންނަމަވެސް އެކަން ހައްލުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވ.

ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރާނެ މަގުތައް ފެނިވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ވިލިމާލެ 2"ގެ ނަމުގައި ޚާއްޞަ މަޝްރޫޢުއެއް ފަށްޓަވާނެކަމަށެވެ. އެ މަޝްރޫޢުގެ ދިރާސާތައް މިހާރު ނިމިފައިވާކަމަށާއި، އެމަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ހުށަހަޅާ ފުރިހަމަ ޙައްލުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ 2 ގައި އާބާދުކުރާ އެއްލައްކައަށް ވުރެ ގިނަ މީހުންގެ އިތުރުން، ވިލިމާލޭ 2 ގައި ތިންލައްކަ ފަނަރަ ހާސް މީހުންގެ އާބާދީއަށް ބޭނުންވާ ވަސީލަތްތަކާއެކު މި ސަރަހައްދު ދެވަނަ ޝަހަރެއްގެ ގޮތުގައި ތަރައްޤީކުރައްވާ މާލެއާއި ގުޅާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތެރެއިން 2030 ވަނަ އަހަރުގެ މިނިވަންދުވަހާ ހަމަޔަށް 18 އަހަރު ފުރުފައިވާ ކޮންމެ ޒުވާނަކަށް، މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވ. އަދި އެމަޝްރޫއާއެކު ބޯހިޔާވަހިކަން ނެތް ދިވެއްސަކު ރާއްޖެއަކު ނުހުންނާނެކަމުގެ ޔަޤީންކަންވެސް ރައީސް ޔާމީން ދެއްވިއެވެ.

" މި 5 އަހަރުދުވަހުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ޢިމާރާތް ކުރެވުނު ކޮންމެ ފްލެޓަކަށް، އެވްރެޖްކޮށް 20 ރައްޔިތުން ކުރިމަތިލާފައިވޭ. ހުޅުމާލޭ ޔޫތުސިޓީގައި ހިންގޭ ހިޔާ މަޝްރޫޢަކީ 100,000 އަށް ވުރެ ރައްޔިތުންނަށް އަމާޒުކުރެވިގެން ހިންގޭ 17,000 އަށްވުރެ ގިނަ ފްލެޓް ޢިމާރާތް ކުރުމުގެ މަޝްރޫޢެއް. އެހެން ނަމަވެސް، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހުރިވަރުން، މުޅި މައްސަލައަށް މިވަރުން ޙައްލެއް ނުހޯދޭނޭތީ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އިތުރު މަސައްކަތްތަކެއް މިދަނީ ކުރަމުން. އެހެންކަމުން، ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ކުރިޔަށްދާނޭ މަގުތައް ފެނިފައިވާ ކަމުގައި މި ދަންނަވަނީ އުފަލާއެކު. މިހާރު ދިރާސާތަކެއް ނިމިފައިވާ ވިލިމާލެ 2 ގެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަޅުގަނޑުގެ ޓީމުން ދިވެހި ރައްޔިތުންނަށް ހުށަހަޅާ "ޓޯޓަލް ސޮލިއުޝަން". ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު އާއި ބްރިޖްގެ މަޝްރޫއު ނިންމުމުން މާލޭއާއި ވިލިގިނލި އަދި ގުޅިފަޅުވެސް ބްރިޖައަކުން ގުޅާލުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

" ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ މަޝްރޫޢު ނިންމައިލެވޭއިރު، ކަނޑުގެ ބަނދަރުގެ މަސައްކަތް ފެށުމުގެ ޔަޤީންކަން ލިބުމާއި، މާލޭ ހުޅުމާލޭ ބްރިޖް ނިމޭއިރު، މާލޭ ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށީގެ ބްރިޖްގެ މަސައްކަތް ފެށޭނެކަމުގެ އުންމީދު އޮތުމަކީ، އަޅުގަނޑުގެ މަސައްކަތަށް ކުރިމަތިކުރުވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު އާލާވާކަމެއް. މި ހުރިހާ ކަމަކާއެކު، ހުޅުމާލޭ 2 ގައި ބިނާކުރަން އަމާޒުކޮށްފައިވާ 100,000 އަށްވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢާއި، ވިލިމާލޭ 2 ގައި ތައްޔާރުކުރަން ރާވާފައިވާ315,000 މީހުންގެ ބޯހިޔާވަހިކަމާއެކު، ﷲ ގެ އިރާދަފުޅުން ކުރިޔަށް އޮތް 10 ވަރަކަށް އަހަރަށް ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއްހެންމެ ފުރިހަމަކޮށް ނިންމޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، ތަރައްޤީއަށް ހިންގާ ކޮންމެ މަޝްރޫޢަކުން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުވެ، މުޅި ޤައުމުގެ އުދަރެސް، ކުލަތަކުން ފުރާ ފުރިހަމަކުރެވުމަކީ، އެމަނިކުފާނަށް ލިބޭ ހިތްހަމަޖެހުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.