ޚަބަރު

ށ. ފުނަދޫ "އާބާދު 50" ހަވީރުގައި ކުޑަކުދިންނާއި އިސްރަށްވެހިން


ށ.ފުނަދޫގައި މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުމާއި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ތުއްތުކުދިންނާއި އިސްރަށްވެހިންނަށް ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.

ފުނަދޫ ޑްރައިވިންގ ޓުރެކް ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ހަވީރުގައި ފުނަދޫ ކައުންސިލާއި، ށ. އަތޮޅު ކައުންސިލް އިދާރާއާއި، ޕޮލިހާއި، ޖެންޑަރ މިނިސްޓްރީއާއި، ފެނަކަ ކޯޕަރޭޝަނާއި، ދިރާގުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ޒުވާނުން އިސްނަގައިގެން ވަނީ ތުއްތު ކުދިން މުނިފޫހި ފިލުވައިދޭނެ ގިނަ ކުޅިވަރުތައް ކުރިއަށްގެންގޮސްފައެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާޙިމް ފުޅު ވިދާޅުވީ، މި ހަވީރަކީ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްތަނަކުން ބައްދަލުވެ މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުމާއި އާބާދު ފަންސާސް ކުލަގަދަކޮށް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ. އެގޮތުން މިއަހަރު އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު އެތައް ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ތެރޭގައި އާބާދު ފަންސާސް ރަސްމީ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީ އަޅުގަނޑުމެން މިދިޔަ އަހަރުން ފެށިގެން ރައްޔިތުން ބޭނުންވެގެން ކުރަން ނިންމި ކަމެއް. ފުނަދޫއަކީ މީހުން ދިރިއުޅެން ފެށިތާ ފަންސާސް އަހަރުވެފައިވާ ރަށެއް. އެގޮތުން ރައްޔިތުން އެދުނީ ސަރުކާރުގައި އަޅުގަނޑުމެން މިއަހަރު ނޫނީ މިދުވަސް ފާހަގަކުރަން ބޭނުމޭ. އެގޮތުން ސަރުކާރުން އޮތީ އަޅުގަނޑުމެންނަށް މިކަމުގައި ވަރަށް ދީލަތި އެހީއެއް ވެދީފައި"

ފުނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފުނަދޫގައި އާބާދު ފަންސާސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މިދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާއެވެ.

އޭގެ އިތުރުން ކުޅިވަރު ފެސްޓިވަލަކާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން އެހާރާއި މިހާރު ދައްކުވައިދޭ ޕޯސްޓަރު ކުރެހުމުގެ މުބާރާތަކާއި މަޒުމޫނު ލިޔުމުގެ މުބާރާތެއްގެ އިތުރުން ސަޤާފީ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.