ޚަބަރު

"މޯލްޑިވްސް ޝޯކޭސް" ލަންކާގައި ފަށައިފި


"މޯލްޑިވްސް ޝޯކޭސް" ސްރީލަންކާގެ ތާޖްސަމުދްރާގައި ފަށައިފިއެވެ. މިއީ ހައިރައިޒްއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) ގުޅިގެން ރާއްޖެ އިސްތިހާރުކުރުމަށް ބާއްވާ ފެއަރއެކެވެ. މި ފެއަރ ފައްޓަވައިދެއްވީ ލަންކާގެ ޓްރެވެލް އެޖެންޓްސް އެސޯސިއޭޝަންގެ ރައީސް ޓްރިވޯ ރަޖަރަތުނަމްއެވެ.

ހައިރައިޒުން ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ސަޤާފަތާއި އަދި ދިވެހި ރަހަތައް ލަންކާގެ ވިޔަފާރިތަކަށް ދައްކާލާނެ ބޮޑު ހަރަކާތެއްކަމަށެވެ.

މި ފެއަރގައި ރާއްޖޭގެ 40 އަށްވުރެ ގިނަ ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ. ފެއަރގެ ތެރެއިން ރާއްޖޭގެ ވިޔަފާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިންނާއި އެކު 15،000 ގިނަ ބައްދަލުވުންތައް ކުރިއަށްދާނެކަމަށް ހައިރައިޒުން ބުނެއެވެ. މި ފެއަރ ވަނީ ލަންކާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެންޑޯޒްވެސް ކޮށްފައެވެ.

މިއީ ރާއްޖޭގެ އިޤްތިސާދުގެ އެކި ދާއިރާތައް އިޝްތިހާރުކުރުމަށް ފަށާފައިވާ ބައިނަލްއަޤްވާމީ ބޮޑު އިވެންޓެއްކަމަށް އިވެންޓް އިންތިޒާމްކުރާ ހައިރައިޒުން ބުނެއެވެ.

"މޯލްޑިވްސް ޝޯކޭސް" ގެ ފުރަތަމަ އެޑިޝަން ރާއްޖޭގެ އެންމެ އަވައްޓެރި ލަންކާއިން ފެށިނަމަވެސް އަންނަ އަހަރުން ފެށިގެން މިއީ ރޯޑްޝޯއަކަށް ހަދައި ކޮންމެ އަހަރަކުވެސް ވަކި ޤައުމެއްގައި މި އިވެންޓް ބާއްވާނެކަމަށް ހައިރައިޒުން މައުލޫމާތުދެއެވެ.