ޚަބަރު

ސެޕްޓެމްބަރުމަހުގެ ނިޔަލަށް 24 މަޝްރޫޢެއް ނިންމާލެވޭނެ - އެމްޓީސީސީ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިންގ ކޮމްޕެނީ، އެމްޓީސީސީން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ޢުމްރާނީ ތަރައްޤީގެ ސައުވީސް މަޝްރޫޢު ނިންމާލާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެކުންފުނިން މިއަހަރު އެކަނި ހިންގާ މަޝްރޫޢުތަކުގެ އަގު 1.3 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

1980 ވަނަ އަހަރު ސަރުކާރުން އުފެއްދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަކީ ރާއްޖޭގެ އެންމެ ބިޔަ އެއް ކުންފުންޏެވެ. ރާއްޖޭގެ ތަރައްޤީގެ އެންމެބޮޑު އެންމެ މުހިންމު އެއް ހިސާދާރެވެ. ސަރުކާރުން ކުރިއަށްގެންދާ ގިނަ ޢުމްރާނީ މަޝްރޫޢުތައް ހިންގަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. ޚާއްސަކޮށް ބިން ހިއްކުމާއި ފަޅު ފުންކުރުމުގައި އެ ކުންފުންފުނި އޮންނަނީ އަބަދުވެސް އެންމެ ކުރީގައެވެ. އެއީ އެންމެ ޚިދުމަތްތެރި ކުންފުނީގެ ގޮތުގައެވެ. އެމްޓީސީސީން 2013 ވަނަ އަހަރުންފެށިގެން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ވަނީ މުހިންމު ގިނަ މަޝްރޫޢުތަކެއް ނިންމާލާފައެވެ.

ރާއްޖޭގެ ޢުމާރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން 2013 އިން 2018 އަށް އެމްޓީސީސީއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ދައްކުވައިދޭ ތަސްވީރީ މަޢުލޫމާތު ކާޑު އިފްތިތާޙްކުރުމަށް ބޭއްވި ޙަފްލާގައި އެކުންފުނިންވަނީ މިހާތަނަށް ހިންގާފައިވަ ޢުމްރާނީ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާކޮށްފައެވެ.

އެގޮތުން 2014 ވަނަ އަހަރު އެކުންފުނިން 5 މަޝްރޫޢު ހިންގާފައިވެއެވެ. އެއީ 75.6 މިލިއަން ރުފިޔާއެވެ. 2015 ވަނަ އަހަރު 14 މަޝްރޫޢުއެއް ނިންމާފައިވާއިރު އެ މަޝްރޫޢުތަކުގެ އަގު 266.1 މިލިއަން ރުފިޔާއަށް އަރައެވެ. 2016 ވަނަ އަހަރު 15 މަޝްރޫ ނިންމާލާފައިވާއިރު އެ މަޝްރޫޢުތަކުގެ އަގު 444.1 މިލިއަން ރުފިޔާއަށް އަރައެވެ. 2017 ވަނަ އަހަރު 27 މަޝްރޫޢު ނިންމާލާފައިވާއިރު އެ މަޝްރޫޢުތަކުގެ އަގު 907.7 މިލިއަން ރުފިޔާއަށް އަރައެވެ. މިއަހަރުގެ މިހާތަނަށް އަށް މަޝްރޫޢެއް ނިންމާލާފައވާއިރު އެ މަޝްރޫޢުތަކުގެ އަގު 178.2 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުން މިވަގުތު 32 މަޝްރޫޢު މަސައްކަތް ކުރިއަށްދާއިރު މައިގަނޑުގޮތެއްގައި ކުރިއަށްދަނީ ބަނދަރު ހެދުމާއި ބިންހިއްކުން، އެއްގަމު ތޮށިލުމާއި ކަނޑުތޮށިލުމުގެ މަސައްކަތްތައް. މީގެ އިތުރުން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި، ރަށްރަށުގެ ނަރުދަމާގެ މަސައްކަތްތަކާއި، ޢިމާރާތްކުރުމުގެ މަސައްކަތްތައް. މި މަޝްރޫޢުތަކުގެ އަގު 1.33 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި މި 32 މަޝްރޫޢުގެ ތެރެއިން 24 މަޝްރޫޢުއެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިއަތު ވިދާޅުވީ، މި ސަރުކާރުން މި ވޭތުވެގެންދާ ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާފައިވާކަމަށެވެ. އެ މަޝްރޫޢުތައް ހިންގުމުގައި އެމްޓީސީސީން މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާ ޒިއަތު ވިދާޅުވީ، ރާއްޖޭގެ ތާރީޚްގައި މިހާތަނަށް ރެކޯޑް މިންވަރަށް ޢުމާރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އެމްޓީސީސީން މިހާތަނަށް ސޮއިކޮށް، ޢަމަލީ މަސައްކަތް ނުފަށާ 10 މަޝްރޫޢު އެބައޮތްކަމަށް އެކުންފުނިން ބުނެއެވެ. އެ މަޝްރޫޢުތަކުގެ އަގު 87 މިލިއަނަށްވުރެ މައްޗަށް އަރާކަމަށް އެ ކުންފުނިން ބުނެއެވެ.