އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓާއި ޖުމްހޫރީ ޕާޓީގެ ރަނިންގ މޭޓަކީ ޤައުމެއް ހިންގޭވަރުގެ ތަޖުރިބާއާއި ޤާއިބުކަން އަދި ލިބިވަޑައިގެންފައިވާ ދެބޭފުޅުން ނޫންކަމަށް ޕީ.ޕީ.އެމްގެ ނާއިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީ.ޕީ.އެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ރިޔާސީ އިންތިޚާބު ބާއްވާތާރީޚް ގާތްވެފައިވާއިރު، މިއަދާހަމައަށްވެސް އިދިކޮޅު ފަރާތްތަކަށް ރައްޔިތުން ވޯޓުދޭންޖެހޭ ސަބަބެއް އެފަރާތްތަކަށް ދެއްކިފައި ނުވާކަމަށެވެ. މާޒީއަށް ބަލާއިރުވެސް އެމް.ޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ޤައުމު ހިންގުމުގެ ދާއިރާގައި ކުރިއެރުންތައް ހޯދޭނެ ހެއްކެތް ދެއްކޭކަށް ނެތްކަމަށެވެ.
ރައީސް ޑރ.ވަހީދުގެ ސަރުކާރާއި މިސަރުކާރުގައިވެސް މަޖިލީހަށް ހުށައެޅި ބަޖެޓަކަށް އެމް.ޑީ.ޕީގެ ކެނޑިޑޭޓު ވޯޓު ނުދެއްވާކަމަށާއި އެހެންކަމުން ރައްޔިތުންގެ ކަންކަމަށް ވޯޓުނުދޭ މީހަކަށް ރައްޔިތުންގެ ވޯޓުނުދޭނެކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް ނަޝީދުގެވެސް ޤައުމުހިންގުމުގެ ހުނަރާއި ގާބިލްކަން ނެތްކަން މީގެކުރިން ހާމަވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާ އަޅާބަލާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވަން އެންމެ އެކަށީގެންވަނީ ރައީސް ޔާމީނުކަމާމެދު ސުވާލެއްވެސް ނުއުފެދޭކަމަށެވެ. އެކަން ހާމަވަނީ، ހިންގަމުންމިދާ ފަސްއަހަރުގެ ތެރޭގައި އެމަނުކުފާނު ޤައުމަށް ގެނެސްދެއްވާފައިވާ ތަރައްޤީއާއި އެމަނިކުފާނުގެ މެނިފެސްޓޯއަށް ބަލައި ކުރިއަށް އޮތް ދައުރުގައި މިޤައުމަށް ގެންނަވާނެ ތަރައްޤީ މިއަދު އަންދާޒާކުރެވޭތީކަމަށްވެސް ޢަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.