ޚަބަރު

ރީރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަނީ ޒިންމާއެއްކަމުގައި ދެކިގެން - ޕީ.ޕީ.އެމް


ރިޔާސީ އިންތިޚާބަށް ރައްޔިތުން ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީގެ ހައިސިއްޔަތުން އެއީ ޒިންމާއެއްކަމުގައި ދެކިގެންކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީ.ޕީ.އެމުން ބުނެފިއެވެ.

ޕީ.ޕީ.އެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީން ބުނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަންތަނުގައި 70 ހާހެއްހާ މީހުން ރީރަޖިސްޓްރީ ކުރަންޖެހޭކަމަށް ބެލެވޭކަމަށެވެ. މިއާއެކު ސެޕްޓޭމްބަރު 23 ގައި ބާއްވާ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ވީހާވެސް ގިނަބަޔަކު ވޯޓުލާންނުކުންނަ އިންތިޚާބަކަށްހެދުމަށް ސަރުކާރުންކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ޕީ.ޕީ.އެމުން އެދެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޕީ.ޕީ.އެމްގެ ނާއިބު ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީގެ ހައިސިއްޔަތުން ޕީ.ޕީ.އެމުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ހައްޤުތައް ޙިމާޔަތްކުރުމަށްކަމަށެވެ. އެގޮތުން ވީހާވެސް ގިނަ މީހުންނަށް ވޯޓުލެވޭނެ މަގުފަހިކުރުމަށް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުކުމެ ހަފްތާއެއްގެ ތެރޭގައި ގިނަ ޢަދަދެއްގެ ބަޔަކު ރީރަޖިސްޓްރީ ކޮށްފައިވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިންމަނިކު ވިދާޅުވީ، ޕީ.ޕީ.އެމްގެ ޓީމުތަކުން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާއިރު ވަކިޕާޓީއެއްގެ މެންބަރަކަށް ބަލައިގެން އެމަސައްކަތް ނުކުރާކަމަށެވެ. ރީރަޖިސްޓްރީ ކުރުމަކީ ޤާނޫނުގައި އޮތް އުސޫލަކަށްވާތީ އެކަން ދަމަހައްޓައި ރައްޔިތުންނަށް ލިބެންޖެހޭ ހައްޤެއް ކަށަވަރުކުރުމަށް އެޕާޓީން މަސައްކަތްކުރާކަމަށް ނިހާން ފާހަގަކުރެއްވިއެވެ.

އިދިކޮޅު އެމް.ޑީ.ޕީ އަކީ އަބަދުވެސް އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް ފާޑުކިޔައި، އެކޮމިޝަނުގެ މަސައްކަތްތަކާމެދު ހިންހަމަނުޖެހުން ފާޅުކުރާ ބައެއްކަމަށާއި، އެކޮމިޝަން ޒިންމާދާރުކުރުވަން ކަމަށްބުނެ ކޮމިޝަން ކައިރީގައި މުޒާހަރާ ހިންގާއިރު، އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރަކު ހޮވުމަށް ބޭއްވި މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު މެންބަރުން ހާޒިރުވެފައި ނުވާކަމަށްބުނެ، ޕީ.ޕީ.އެމުންވަނީ އިދިކުޅު ފަރާތްތަކަށް ފާޑުކިޔާފައެވެ.