ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްގެ 14 އެވޯޑެއް ރާއްޖޭގެ ރިސޯޓުތަކުގެ ސްޕާތަކުން މިއަހަރު ވަނީ ކާމިޔާބުކޮށްފައެވެ. އެކިއެކި ކެޓަގަރީތަކުން ރާއްޖޭގައި ހުންނަ ރިސޯޓުތަކުން ހޯދާފައިވާ ކާމިޔާބީތަކަށެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ އެކި މަންޒިލްތަކުން އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދޭ އެންމެރީތީ އަދި އެންމެ ތަފާތު ސްޕާތައް ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން ދޭ ވޯލްޑް "ލަގްޒަރީ ސްޕާ އެވޯޑްސް 2018"ގެ ޙަފްލާވަނީ މިމަހުގެ 14ގައި ނޮދަން އަޔަލޭންޑްގެ ގަލްގްރޯމް ރިޒޯޓް އެންޑް ސްޕާގައި ބާއްވާފައެވެ.
މިއެވޯޑުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ރިސޯޓުތަކުގެ ސްޕާތަކުންދަނީ ފާހަގަކުރެވޭ ވަނަ ތަކެއް ހޯދަމުންނެވެ. މިގޮތުން މިއަހަރު ރާއްޖޭގެ ރިޒޯޓުތަކުގެ ސްޕާތަކުން މިއެވޯޑްސްގެ 14 އެވޯޑެއް ހާސިލްކުރިއެވެ.
އިންޑިއަން އޯޝަން ކެޓަގަރީގެ އެވޯޑްތަކާ، ޑެސްޓިނޭޝަން މޯލްޑިވްސްގެ ކެޓަގަރީއިންވެސް އެވޯޑްތައް ރާއްޖޭގެ ރިޒޯޓުތަކަށް ލިބިފައިވެއެވެ.
އިންޑިއަން އޯޝަން ކެޓަގަރީއިން އެވޯޑް ކާމިޔާބުކުރި ސްޕާތަކަށްބަލާއިރު، ލަގްޒަރީ އައިލެންޑް ރިޒޯޓު ސްޕާ ލިބުނީ ކޮކާ ސްޕާ އެޓް ކަނުހުރާ މޯލްޑިވްސްއަށެވެ. ލަގްޒަރީ ރޮމޭންޓިކް ޑެސްޓިނޭޝަން ސްޕާ ލިބުނީ ސްޕާ ސެންވަރީ އެޓް ސެންޓާރާ ރަސްފުށި ރިޒޯޓު އެންޑް ސްޕާއަށެވެ. ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ އަދި ލަގްޒަރީ ސްޕާ ރިޓްރީޓް ލިބުނީ ދަ ސްޕާ އެޓް ގްރާނޑް ކޮއްދިއްޕަރު ރިޒޯޓަށެވެ.
މީގެއިތުރުން ލަގްޒަރީ ބީޗް ރިޒޯޓް ސްޕާ އަދި ލަގްޒަރީ ސްޕާ ރިޒޯޓު ލިބުނީ އައިސްޕާ އެޓް އަޔާދާއަށެވެ. ދަ އޯވަރ ވޯޓަރ ސްޕާ އެޓް ކޮންރެޑް މޯލްޑިވްސް ރަންގަލިވެސް ވަނީ އިންޑިއަން އޯޝަން ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ އަދި ޕްރައިވެޓް އައިލެންޑް ސްޕާ އެވޯޑު ލިބިފައެވެ.
މޯލްޑިވްސްގެ ކެޓަގަރީއިން އެވޯޑު ލިބުނު ސްޕާތަކަށް ބަލާއިރު ލަގްޒަރީ އައިލެންޑް އެވޯޑު ހޯދީ ސްޕާ ސެންވަރީ އެޓް ސެންޓާރާ ރަސްފުށި ރިޒޯޓު އެންޑް ސްޕާއަށެވެ. ލަގްޒަރީ ޕްރައިވެޓް އައިލެންޑް ސްޕާ އެވޯޑު ހޯދީ ވިލޯ ސްޓްރީމް އެޓް ފެއަރމައުންޓް މޯލްޑިވްސްއެވެ. ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ ލިބިފައިވަނީ ކާމް ސްޕާ އެންޑް ސެލޯން އެޓް ޖޭއޭ މަނަފަރަށެވެ. ލަގްޒަރީ ބީޗް ރިޒޯޓް ސްޕާ ލިބިފައިވަނީ ކިހާ ސްޕާ އެޓް ކިހާ މޯލްޑިވްސްއަށެވެ. ލަގްރަޒީ އައިލެންޑް ރިޒޯޓް ސްޕާ ލިބުނީ ލަކްސް މީ ސްޕާ ސައުތް އަރި އަތޮޅަށެވެ.
ރާއްޖޭގެ ރިޒޯޓުތަކުން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެކި އެވޯޑްތައް ޙާސިލްކޮށް ދުނިޔޭގެ އެކި މާކެޓްތަކުގައި އެންމެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި މަޝްހޫރުކަން ހޯދަމުންނެވެ. ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށްބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވެސް ދަނީ އެއްއަހަރުން އަނެއްއަހަރަށް އިތުރުވަމުންނެވެ.