ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި އާ ޚިދުމަތްތަކެއް ފަށަން ތައްޔާރުވަނީ


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ސަރުކާރުން ހަވާލުވެ، އެ ހޮސްޕިޓަލަށް ބޭނުންވާ ސުޕަރ ސްޕެޝަލިސްޓުން ހޯދުމާއި، ޚިދުމަތަށް ބޭނުންވާ މެޝިންތައް އެރަށަށް ގެންދަން ފަށައިފިއެވެ. ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެ ހޮސްޕިޓަލަށް ބޮޑެތި ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ ގިނަ ރައްތަކެއްގެ ރަށްޔިތުން ބޭސްފަރުވާ ހޯދަމުންދާ ހޮސްޕިޓަލެވެ.

އުތުރާއި ދެކުނުގައި ފެންވަރު ރަނގަޅު ދެ ހޮސްޕިޓަލް ތަރައްޤިކުރަން ފަށާފައިވާއިރު، އޭގެތެރެއިން އުތުރުގައި ތަރައްޤިކުރަނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ގިނަރަށްތަކެއްގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ހޮސްޕިޓަލެވެ.

ޓަރޝަރީ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމަށް އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަރނޭޝަނަލާ މިދިޔައަހަރު ހޮސްޕިޓަލްގެ ހިންގުން ހަވާލުކޮށްފައިވެއެވެ. އެހެންނަމަވެސް އެކުންފުންޏަށް ހޮސްޕިޓަލް ނުހިންގުމުގެ ސަބަބުން، މިހާރު އެ މަސައްކަތާ ސަރުކާރުންވަނީ ހަވާލުވެ، ކުޅުދުއްފުށި ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން ޚިދުމަތް އިތުރުކުރުމަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހައުސިންގ މިނިސްޓްރީއާވަނީ ޙަވާލުކޮށްފައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ފަސޭހަކަމާއިއެކު ޓެސްޓްތައް ހެދުމަށް، އައިޖީއެމްއެޗްގައި ބޭނުންކުރާ ފެންވަރުގެ ސީ.ޓީ މެޝިނެއް މިމަހުވަނީ އެ ހޮސްޕިޓަލަށް ފޮނުވާފައެވެ.

ސީ.ޓީއާއި އެމް.އާރް.އައިގެ ޚިދުމަތް އެ ހޮސްޕިޓަލްގައި ފެށުމަށް އެކަމަށް ބޭނުންވާ ކޮޓަރިތައް ތައްޔާރުކުރުމުގެ މަސައްކަތުގެ 80އިންސައްތަ މިހާރުވަނީ ނިމިފައެވެ. މިޚިދުމަތްތައް އެ ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެކަމަށް ހެލްތް މިނިސްޓްރީންބުނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމަށް، ހިތުގެ ބަލިތަކާއި، ނާރުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކުގެ ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.

އަދި ދާއިމީ ޑޮކްޓަރުން ހަމަޖެއްސެންދެން، އައިޖީއެމްއެޗްގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ކޮންމެ ދެ ހަފްތާއަކުން ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތްދޭގޮތަށްވަނީ ހަމަޖައްސާފައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން މިހާރުވެސް ބައެއް ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތާއި، ޑައިގްނޯސްޓިކް ޚިދުމަތާއި އަލްޓްރާ ސައުންޑް ޚިދުމުގެ ޚިދުމަތް ދެމުންގެންދެއެވެ.

ހޮސްޕިޓާލްގެ މުވައްޒަފުންގެ ކަންކަމާގުޅޭ އޮނިގަނޑު ތައްޔާރުކޮށް، ފައިނަލް ކުރުމުގެ މަސައްކަތްވެސް ސިވިލް ސަރވިސް ކޮމިޝަނާގުޅިގެން ކުރިއަށްދާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.