ޚަބަރު

"ޔޫތު ލީޑާސް ނެޓްވޯކް" ވޯކްޝޮޕް ނިންމާލައިފި


ހޯމް މިނިސްޓްރީން އިންތިޒާމު ކޮށްގެން ގއ. ވިލިނގިލީގައި ކުރިއަށްގެންދިޔަ "ޖުމްޙޫރިއްޔަތާއި ޒުވާނުން"، "ޒިންމާދާރު މީޑިއާ ވޯކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔޫތު ލީޑާސް ނެޓްވޯކް އަދި ދިވެހިބަހުގެ އެކަޑަމީ ގުޅިގެން ވިލިނގިލީގައި ބޭއްވި މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ ޤައުމަށް ފައިދާ ހުރި ލީޑަރަކަށްވުމަށްޓައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތާއި ޒިންމާދާރު މީޑިއާއަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ޒުވާނުންނަކީ ބާރުވެރި އަބުރުވެރި ބަޔަކަށް ހަދައި މުޖުތަމައުގެ އެކިއެކި ކަންކަމަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދިޔަ ފޯރަމެކެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމުގައި މަޢުލޫމާތު ޙިއްސާކޮށްފައިވަނީ "އިސްލާމް ދީނާއި ލީޑަރޝިޕް" "ޖުމްހޫރިއްޔަތާއި ދިވެހި ތާރީޚް"، އަދި "ޤާނޫނީ ގޮތުން އަޚްލާގީ އަދި ސުލޫކީ މިންގަނޑުތައް ހުންނަންޖެހޭ މިންވަރު" މި މަޢުޟޫއުތަކަށެވެ.

ފޯރަމްގެ ނިންމުން ފާހަގަކޮށް ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ގއ. އަތޮޅު ހޮސްޕިޓަލް މެނޭޖަރު ނަޒްލީން ނަޖީބު ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ޤައުމަށްޓަކައި އަދާކުރަންޖެހޭ ވާޖިބު އަދާކުރުންމަތީ ދެމިތިބޭ ބަޔަކަށް ވާންޖެހޭކަމަށެވެ. އެގޮތުން މިފަދަ ފޯރަމްތަކުން ލިބޭ މަޢުލޫމާތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، މުޖުތަމަޢުގެ އެހެން ފަރުދުންނަށް އެމައުލޫމާތު ފޯރުކޮށްދީ ޤައުމު ބިނާކުރުމުގައި ކޮންމެ ކުއްޖަކުވެސް އިސްނަގަންޖެހޭކަމަށް ނަޒްލީން ވިދާޅުވިއެވެ.

"ބައެއް ކުދިންގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުވަމުންދޭ. މި ފޯރަމުން ތަމްރީންވި ކުދިން ކަންކަމުގައި އިސްނަގައި ނެތެމުންދާ ރީތި ސިފަތައް އިއާދަކުރަންޖެހޭ. ނަމޫނާ ބަޔަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ." ނަޒްލީން ނަޖީބު ވިދާޅުވިއެވެ.

މި ފޯރަމްގައި ބައިވެރިވި ކުދިން ބުނެފައިވަނީ، އެ ކުދިންނަކީ މުޖުތަމަޢުއަށް ބޭނުން ހިފޭ ބަޔަކަށް ވުމަށްޓަކައި، ކުރެވިދާނެ ގިނަ ކަންކަން ފޯރަމްގެ ތެރެއން ދަސްވިކަމަށެވެ. އަދި ލީޑަރެއް ނުވަތަ އިސްވާރަކަށް ވުމަށްޓަކައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކާއި، އިސްވާރެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތައް ދަސްވެގެން ދިޔަކަމަށްވެސް އެކުދިން ފާހަގަކުރިއެވެ.

މިއީ ޔޫތް ލީޑަރސް ނެޓްވޯކުން އިސްނަގައިގެން ބޭއްވި މިފަދަ ފަސްވަނަ ފޯރަމެވެ. މި ފޯރަމްގެ ކުރިންވަނީ، މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން ލ. ގަމުގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ފޯރަމްގައި ގއ. ވިލިނގިލީގައި ހުންނަ ކޮލެޖުތަކާއި ސާނަވީ އަދި މަތީސާނަވީއަށް ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ޒުވާނުންނާއެކު ސަތޭކައަށްވުރެ ގިނަ ބައިވެރިންވަނީ ބައިވެރިވެ ސެޓްފިކެޓް ޙާސިލްކޮށްފައެވެ.