ޚަބަރު

ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ސްރީލަންކާއަށް 295 މިލިއަން އެމެރިކާ ޑޮލަރު


ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ސްރީލަންކާއަށް ދުއިސައްތަ ނުވަދިހަ ފަސް މިލިޔަން އެމެރިކާ ޑޮލަރު ދޭން ނިންމައިފިއެވެ. މިކަން ހާމަކުރައްވަމުން ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ވިދާޅުވީ، މި އެހީ ދޭން ނިންމިކަމަށްޓަކައި ޗައިނާގެ ލީޑަރޝިޕަށާއި ޗައިނާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ޗައިނާގެ އެހީގައި ލަންކާގައި ބިނާކުރާ ހޮސްޕިޓަލެއްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޗައިނާއަކީ ސްރީލަންކާގެ ތަރައްޤީގެ އެންމެ ބޮޑު ބައިވެރިޔާކަމަށް، ސިރިސޭނާ ވިދާޅުވިއެވެ. ޗައިނާއިން ހަދިޔާ އެއްގެ ގޮތުގައިދޭ 295 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ ގެދޮރު ބިނާކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫޢެއް ހިންގުމަށްކަމަށްވެސް ސިރިސޭނާ ވިދާޅުވިއެވެ.

ސިރިސޭނާ ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކުއެކީގަހެން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ މައްސަލަތަކުން އެ ޤައުމު އަރައިގަތީ ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންނެވެ. މި ގޮތުން އިންޑިޔާގެ ނުސީދާ ފިއްތުންތަކާ ގުޅިގެން ސިރިސޭނާގެ ސަރުކާރުން ހުއްޓާލި، ޗައިނާގެ އެހީލިބޭ ބައެއް މަޝްރޫއުތައް މިދިޔަ އަހަރު އަލުން ފެށުމާއެކު ސްރީލަންކާގެ އިޤްތިޞާދު ރަގަނޅުވާން ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.