ޚަބަރު

"މޯލްޑިވްސް ޝޯކޭސް" އަންނަ ބުރާސްފަތި ދުވަހު ލަންކާގައި


ރާއްޖެ އިސްތިހާރުކުރުމަށް ހައިރައިޒްއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) ގުޅިގެން ބާއްވާ "މޯލްޑިވްސް ޝޯކޭސް" އަންނަ ބުރާސްފަތި ދުވަހު ސްރީލަންކާގައި ފަށާނެއެވެ. ހައިރައިޒުން ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ސަޤާފަތާއި އަދި ދިވެހި ރަހަތައް ލަންކާގެ ވިޔަފާރިތަކަށް ދައްކާލާނެ ބޮޑު ފެއަރ އަކަށް ވެގެންދާނެކަމެވެ.

ހައިރައިޒްއާއި، މަޓާޓޯ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް "މޯލްޑިވްސް ޝޯކޭސް" ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖޭގެ އިޤްތިސާދުގެ އެކި ދާއިރާތައް އިޝްތިހާރުކުރުމަށް ފަށާފައިވާ ބައިނަލްއަޤްވާމީ ކެންޕެއިނެއްކަމަށް ހައިރައިޒުން ބުނެއެވެ. "މޯލްޑިވްސް ޝޯކޭސް"ގެ ފުރަތަމަ ފެއަރ މިމަހުގެ 26 އަދި 27 ވަނަ ދުވަހު ސްރީލަންކާގެ ތާޖްސަމުދްރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިހާރު ވަމުންދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާމިން ވިދާޅުވީ، މިއީ ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކާއި، ރިސޯޓްތަކާއި، ހޮޓެލްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ލިބޭ އިތުރު ފުރުސަތެއްކަމަށެވެ. މި ފެއަރގެ ތެރެއިން އިތުރު މާކެޓްތަކަށް ރާއްޖޭގެ އުފެއްދުންތައް ތައާރަފުވެ، އެ އުފެއްދުންތައް އިޝްތިހާރުވެގެންދާނެކަމަށް ޝާމިން ވިދާޅުވިއެވެ.

"މޯލްޑިވްސް ޝޯކޭސްގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި ހިނގަމުންދާ ރިސޯޓްސްތަކާއި، ހޮޓެލްސްތަކާއި، ގެސްޓްހައުސްތަކާއި، ރާއްޖެގައިކުރާ އަމިއްލަ ވިޔަފާރިތަކާއި، އަމިއްލަ ޕްރޮޑަކްސްޓްސް ލައިންތައް ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކުރުމަށް އިތުރު ޕްލެޓްފޯމެއް ހުޅުވާލަ ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް. ދެން މީގަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ހަމައެކަނި ޕްރޮޑަކްޓްސްތަކާއި ސަރވިސްތަކެއް ނޫން ފެނިގެންދަނީ އެކޮޅުން ފެނިގެންދާނެ އިނގޭތޯ ދިވެހި ހުނަރުތައްވެސް." މުޙައްމަދު ޝާމިން ވިދާޅުވިއެވެ.

މި ފެއަރގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ 40 އަށްވުރެ ގިނަ ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ. މި ފެއަރގެ ތެރެއިން ލަންކާގެ ޓްރެވެލް އެންޑް ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި، ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދިވެހި ވިޔަފާރިވެރިން ބައްދަލުވެ މަޝްވަރާކުރުމަށް ވަނީ ހަމެޖެހިފައެވެ. މި ފެއަރ ވަނީ ލަންކާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެންޑޯޒްވެސް ކޮށްފައެވެ.

"މޯލްޑިވްސް ޝޯކޭސް" ގެ ފުރަތަމަ އެޑިޝަން ރާއްޖޭގެ އެންމެ އަވައްޓެރި ލަންކާއިން ފެށިނަމަވެސް އަންނަ އަހަރުން ފެށިގެން މިއީ ރޯޑްޝޯއަކަށް ހަދައި ކޮންމެ އަހަރަކުވެސް ވަކި ޤައުމެއްގައި މި ފެއަރ ބާއްވާނެކަމަށް ހައިރައިޒުން ބުނެއެވެ.