ޚަބަރު

ފުލުހުންގެ މުސްތަޤިއްލުކަން ދެމެހެއްޓުމަށް ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުން - ހޯމް މިނިސްޓަރ


ފުލުހުންގެ މިނިވަންކަމާއި މުސްތަޤީލުކަން ދެމެހެއްޓުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބަދުލްޤައްޔޫމު ކެނޑިނޭޅި ގިނަމަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމަށް ހަޤީޤަތާ ޚިލާފު ވާހަކަ ދައްކާފަރާތްތަކަށް އެއްވެސް ރައްޔިތަކު އެއްބާރުލުން ދީގެން ނުވާނެކަމަށެވެ.

ޕޮލިސް މެމޯރިއަލް ޑޭ ނުވަތަ ޤައުމީ ޚިދުމަތުގައި އުޅެނިކޮށް ޝަހީދުވެފައިވާ ފުލުހުންގެ ހަދާން އާކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދުވަނީ މަސްއޫލިއްޔަތު އަދާކުރުމުގައި އުޅެނިކޮށް ޝަހީދުވެފައިވާ ފުލުހުންގެ ޒިކުރާ އާކުރައްވައި، އެބޭފުޅުންގެ ޢާއިލާތަކަށް ތައުޒިއްޔާ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންނަކީ ޤަނޫނީ ގޮތުން ވަރަށްބޮޑު މަސްއޫލިއްޔަތެއް އަދާކުރާ ބައެއްކަމަށާ، އެމުއައްސަސާގެ މިނިވަންކަން ދެމެހެއްޓުމަކީ ވަރަށްމުހިންމުކަމެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ މުސްތަޤިއްލުކަން ދަމަހައްޓައި، ނުރަނގަޅު ނުފޫޒުން ފުލުހުން ސަލާމަތްކުރުމުގެ މުހިންމުކަމުގެމައްޗަށްވެސް މިނިސްޓަރު ބައްލަވާލެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ ވޭތުވެދިޔަ 4 އަހަރު ފުލުހުންނަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމްކޮށްދެއްވުމަށް ކުރައްވާފައިވާ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފުލުހުންނަކީވެސް ފަރުދީގޮތުން ބަލާއިރު، އެހެން މީހުންނެކޭ އެއްފަދަ ބައެއްކަމަށާ، އޭގެތެރެއިން މީހަކަށްވެސް ކުށެއްކުރެވިދާނެކަން ޤަބޫލުކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާގައި އުޅޭ މީހަކަށްވެސް ކުށެއް ކުރެވިދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެފަދަކަމެއްގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ އެކަމުގެޒިންމާ އުފުލަން ނުޖެހޭނެކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމަށް އެއްވެސްމީހަކު މަސައްކަތްކޮށްގެން ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދުނިޔެއަށް އަންނަ ބަދަލްތަކާއެކު ދިވެހިފުލުހުންގެ މުއައްސަސާގެ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރައްޖެހޭ ކަންކަން ވަރަށްބޮޑު އިސްކަމެއްދެއްވައިގެން ސަރުކާރުން ކުރައްވާކަމަށެވެ.