ކުޅިވަރު

400 އަށްވުރެ ގިނަ ދަރިވަރުންނާއެކު އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ފަށައިިފި


400 އަށްވުރެ ގިނަ ދަރުވަރުންނާއެކު މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް މިއަދު ފުވައްމުލަކުގައި ފަށައިފިއެވެ.

ހެނދުނު ފުވައްމުލަކުގައި ފެށި އެތްލެޓިކްސް މީޓްގައި 70 އިވެންޓް ހިމެނެއެވެ. އެއިވެންޓްތަކުގައި 25 ސްކޫލަކުން ދަރިވަރުން ވާދަކުރެއެވެ. އޭގެ ތެރޭގައި އަތޮޅުތަކުން މުބާރާތުގައި ވާދަކުރާ 18 ސްކޫލް ހިމެނެއެވެ. މާލެއިން ވާދަކުރަނީ 7 ސްކޫލަކުންނެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ އިވެންޓްތަކުގެ ތެރެއިން ލޯންގް ޖަމްޕް 13 އަހަރުން ދަށުގެ ބައިން 1 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އީހަމް ހަމްޒާއެވެ. 2 ވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލްގެ އަލީ އަންސާރު އަހުމަދެވެ. 3 ވަނަ ހޯދީ މުޙައްމަދު ޖަމާލުއްދީންގެ މުޙައްމަދު ހައިކަލްއެވެ.

15 އަހަރުން ދަށުގެ ހައި ޖަމްޕުން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އައިހަމް މޫސާއެވެ. 2 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ޔާސީންއެވެ. 3 ވަނަ ހޯދީ އެސްކޫލްގެ މުޙައްމަދު އާދަމްއެވެ.

15 އަހަރުން ދަށުގެ ޑިސްކަސް އިވެންޓުން 1 ވަނަ ހޯދީ ތިނަދޫ އަބޫބަކުރު ސްކޫލްގެ ޝަމާ އައްބާސްއެވެ. 2 ވަނަ ހޯދީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އައިމިނަތު ޝާރާ އިބްރާހީމްއެވެ. 3 ވަނަ ހޯދީ ފުވައްމުލަކު ސްކޫލްގެ ލައިޝާން އަބުދުﷲއެވެ.

ހެނދުނާއި ހަވީރު ކުރިއަށްގެންދާ އެތްލެޓިކްސް މީޓް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކުގައި ކުރިއަށްދާނެއެވެ. މިއީ 21 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓެވެ.